މިހާރު ސިނަމާތަކުގައި އަޅުވާފައި އޮތް ކުޅަދާނަ ބަތަލު ރަންބީރު ކަޕޫރުގެ "އެނިމަލް" ގެ ސީކުއަލެއް އަންނާނެ ކަމަށް ފިލްމު އުފެއްދި ބުޝަން ކުމާރުގެ ޓީ ސީރީޒުން ހާމަކޮށްފިއެވެ.

މި ފިލްމުގެ ސީކުއަލެއް އަންނަން އުޅޭކަމުގެ ވާހަކަ ފިލްމު ރިލީޒްކުރި ހިސާބުން ވެސް ފެންމަތިވިއެވެ. އެއީ ފިލްމު ނިމުން އިރު ކްރެޑިޓްގައި "އެނިމަލް ޕާކް" ގެ ވާހަކަ ގެނެސްދީފައި އޮތުމުންނެވެ. އަދި އޭގައި ރަންބީރު ފެންނާނެ ގޮތުގެ އިޝާރާތެއްވެސް ހިމެނިފައި ވުމުންނެވެ. ޓީސީރީޒުން ކުރި ޕޯސްޓުގައި ބުނީ ފިލްމުގެ ޑައިރެކްޓަރު ސަންދީޕް އާއި ޕްރޮޑިއުސަރު ބުޝަން އާ ދެމެދު އޮތް ގުޅުމަކީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ، އުފެއްދުންތެރި ގުޅުމެއްކަމަށެވެ. "އެނިމަލް ޕާކް" އަކީ ފިލްމުގެ ސީކުއަލެއް ކަމަށްވެސް އެ ޕޯސްޓަރުގައި ބުނެފައިވެއެވެ.

ދަރިފުޅަށް ބައްޕަގެ ފަރާތުންދޭންޖެހޭ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުން، ދެބަފައިންގެ މެދުގައި ހިނގާ ކަންތައްގަނޑެއް މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ދަރިފުޅުގެ ރޯލު ރަންބީރު ކުޅޭއިރު ބައްޕަގެ ރޯލު ކުޅެނީ އަނިލްއެވެ. އެކްޓަރު ރަންބީރުގެ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "އެނިމަލް" މިހާރުވެފައިވާއިރު މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއްވެސް ފެނިގެންދާނެ ފިލްމެކެވެ. ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޓްކުރި މި ފިލްމުގެ ސަޕޯޓިން އެކްޓްރަސްގެ ރޯލު ކުޅުނު ޓްރިޕަޓީގެ އެކްޓިން ވަނީ ގިނަ ބަޔަކު ފާހަގަކޮށްފައެވެ. ކްރިޓީކުންގެ އިތުރުން ބެލުންތެރިންގެ މެދުގައި މަގްބޫލު މި ފިލްމަކީ ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެއް ވެސްމެއެވެ.