ގާޒާއަށް ކުރިމަތިކުރަމުން ދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް، އދގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައި ވާކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެކަން ކުށްވެރި ކުރައްވައިފިއެވެ. އެމަނިކުފާނު މި ބަޔާން ދެއްވީ، ނިއުޔޯކްގައި ކުރިއަށްދިޔަ އދގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް، ފޮނުއްވި މެސެޖުގައެވެ.
ނިއުޔޯކްގައި ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 10 ވަނަ ޖަލްސާގައި، ރައީސްގެ ފަރާތްޕުޅުން، މި ބަޔާން އިއްވީ އދ އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑި އެފެއާޒް އަދި ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑރ. އިބްރާހީމް ޒުހުރީއެވެ.
ރައީސުލްޖުމުހޫރިއްޔާގެ މެސެޖުގައި އދ ގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯ ކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި ފެއިލްވުމުގެ އިތުރުން، މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުން ދާތީ، މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އދގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަމުން ދާކަމުގައި ވިދާޅުވިއެވެ.
މީގެ 78 އަހަރު ކުރިން އދ އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ފަދަ އަނިޔާވެރިކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ، އެކަން ކަށަވަރު ކުރުމަށް ކަމުގައި ފާހަގަ ކުރައްވަމުން، ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އދގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް، އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ތަހުގީގު ކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، ރާއްޖެއިން ގޮވާލަމުން ދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އޮކްޓޫބަރު 7، 2023 ގެ ކުރިން ވެސް އިޒްރޭލުގެ ބާރުގެ ދަށުން ފަލަސްޠީނަށް ބޮޑެތި ގެއްލުންތަކެއް ދެމުން ދާކަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން، އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އދގެ ސަލާމަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. ހަމަ އެއާއެކު، އާންމު ރައްޔިތުންގެ ހިމާޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގައި ހިފަހައްޓައި އެ ޤާނޫނުތަކުގައިވާ ގޮތަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރިހާ ފަރާތްތަކަކަށްވެސް ބާރުއެޅުއްވުން އިތުރުކުރުމަށް އދގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ގަވާއިދާ ހިލާފަށް ފަލަސްތީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްތީނުގެ އިގްތިސޯދު އެކަހެރިކުރުން ހުއްޓުވުމަށް، އިޒްރޭލު ސަރުކާރަށް، ބައިނަލްއަގްވާމީ ގޮތެއްގައި ބާރުއެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
އދގެ މި ކުއްލި ބައްދަލުވުމަކީ މިސްރާއި، މޮރިޓޭނިއާގެ އެދުމުގެ މަތިން އދގެ އާންމު މަޖިލީހުގެ ގަރާރު 377 "ޔުނައިޓިން ފޮ ޕީސް" ކަމުގައި ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފައި ވާކަން ފާހަގަ ކުރައްވާފައެވެ. އަދި އެ ގަރާރުގައި ވަނީ، އިޒްރޭލުން ހިންގާ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުކުރި އެންމެން ވަގުތުން ވަގުތަށް ޝަރުތެއްނެތި ދޫކޮށްލުމަށާއި، ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުން ލިބުނު ހުރިހާ ސަރަޙައްދަކަށް ހުއްޓުމެއްނެތި އިންސާނީ ވަސީލަތްތައް ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ގޮވާލުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގާޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން އދގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލް އަދި އދގެ ސަލާމަތާބެހޭ މަޖިލިސް ފަދަ އެކި ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި މި މެސެޖުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި، ފަލަސްތީނުގެ ސަރުކާރު، އަމިއްލަ އިހުތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު ސާބިތުކަމާއެކު އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލެއްވިއެވެ.