ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާ ބައްދަލުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް މުއިއްޒުއާއި ސިޔާމްގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަން އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްވި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
މިއަދު އެ އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ބައްދަލުވުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ދެ ބައްދަލުވުމާ ގުޅޭ ގޮތުން ތަފްސީލު ނުލިބުނު ކަމުގައި ވިޔަސް ބެލެވޭ ގޮތުގައި އެ ބައްދަލުވުންތަކަކީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅުން ހުރި މަޝްވަރާ ބައްދަލުވުންތަކެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީއޭއިން ވާދަ ކުރާނީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނާއެކު ކަމަށް މީގެ ކުރިން ނިންމާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް އެކަމުގެ މާ ބޮޑު ވާހަކަތަކެއް ދެކެވިފައެއް ނުވެއެވެ.
މީގެ ކުރިންވެސް އެމްޑީޕީ އަދި ޕީއެންސީއާއެކުވެސް ޖޭޕީއިން އެފަދަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާއިރު އެކަމާ ގުޅިގެން އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ. އަދި އެއަށްފަހު ޖޭޕީއިން ވަނީ މަޖިލިސް އިންތިހާބުގެ 93 ދާއިރާއަށް ޖޭޕީން ވާދަކުރަން ނިންމާ އެކަން އިއުލާންކޮށް އެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަންނަ އަނގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި އެމްޑީއޭ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީގެ ފުރުސަތު މީގެކުރިން ހުޅުވާލާފައިވާއިރު އެ މުއްދަތު ހަމަވިއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ފޯމު ހުށަހަޅާފައެވެ.