ޑާކްރެއިން އެންޓަޓެއިންމަންޓުން އިއުލާންކުރި ފީޗާ ފިލްމު "އަވަ" ގެ ނަން "ބިބީ" އަށް ބަދަލުކޮށް ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

އަންނަ އަހަރު އޮލިމްޕަހަށް ގެންނަން އަޒުމު ކަނޑައަޅާފައިވާ މި ފިލްމަކީ ޝަހުދާ މަހްމޫދު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމީ ދާއިރާގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ޝަރަފްގެ އެކްޓިން ވަނީ ބެލުންތެރިން ބަލައިގެންފައެވެ. އަންނަ އަހަރު އޮލިމްޕަހުގައި ރިލީޒްކުރާ ޑާކްރެއިންގެ "ފުރޭތަ" ގެ ވެސް ލީޑު ރޯލުން ފެނިގެންދާނީ ޝަރަފްއެވެ. މި ފިލްމަކީ ހޮރޯ ކޮމެޑީ ޖޯންރާ އަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. ބިބީ އާ ގުޅޭ މާބޮޑު ތަފްސީލެއް ހާމަނުކުރި ނަމަވެސް ޑާކްރެއިނުން ބުނީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ވަރަށް ފިލްމާ ގުޅޭ އިތުރު ތަފްސީލް އާންމުކުރާނެ ކަމަށެވެ. މި ފިލްމުގައި މަޝްހޫރު ބަތަލާ ޝީލާ ނަޖީބުގެ ރޯލެއްވެސް ހިމެނެއެވެ.

ބެލުންތެރިންގެ މަގްބޫލުކަމާއި އިތުބާރު ހޯދާފައިވާ ފިލްމު ކުންފުނި ޑާކްރެއިނުން އަންނަ އަހަރަށް ތާވަލްކޮށް "ބަޅިނދު" ވެސް ގެނެސްދޭނެއެވެ. އެ ފިލްމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ބަޅިނދުގެ ތަރިންނަކީ އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. މީގެ ކުރިން "ބަޅިނދު"ގެ ޓީޒާ އެއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އެ ޓީޒާ ވަރަށް ތަފާތެވެ. އެ ޓީޒާ އިން ފެނިގެންދަނީ އަކަ ޖެހި ދޮލަގެކެވެ. އެއީ ތަށި ދުއްވަން ބޭނުންކުރާ އާލާތެކެވެ. މިހާރު އޮލިމްޕަހުގައި އަޅުވާފައި އޮތީ ޑާކްރެއިންގެ "ނޮވެމްބަރ" އެވެ.