ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހާއްސަ މައުރަޒު" ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

މި މައުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާއި ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މައުރަޒެކެވެ

.މި މައުރަޒުގައި ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކާއި، އިހުގައި ބޭނުންކޮށްފައިވާ ބައެއް ހަތިޔާރުތައް ހިމެނެއެވެ. ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކުގެ ތެރޭގައި ތުރުކުރެއްވި ފަގުޑިކޮޅާއި، ބޭނުންކުރެއްވި ލޮންސިކޮޅާއި، ދޮންބަންޑާރައިންގެ ރަސްކަމުގައި ޖެއްސެވި ފައިސާފޮތިކޮޅުތައް ހިމެނެއެވެ. މީގެ އިތުރުން މަލާބާރީން މާލެއަރައި ހިންގި ކަންކަމާ ބެހޭ ހުލާސާ މައުލޫމާތުތައް ހިމެނޭ ލޯ ފަތްކޮޅެއް ވެސްވެއެވެ.

މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ސާޖިދާ ވަނީ އެ މައުރަޒު ބައްލަވާލައްވައި މައުރަޒުގައި ހިމެނޭ އާސާރުތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ދާރުލްއާސާރުގެ އިތުރު ކަލެކްޝަންތައް ހިމެނޭ ތަންތަނަށްވެސް ޒިޔާރަތްކުރައްވައި އެ ކަލެކްޝަންތަކާބެހޭގޮތުން ވެސް އެކަމަނާ މައުލޫމާތު އޮޅުންފިލުއްވިއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތު ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ދުވަހާގުޅޭ ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އިން އިންތިޒާމްކޮށްގެން މިދިޔަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.