ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސިދާތު މަލްހަތްރާ ފުލުހެއްގެ ރޯލުން ފެނިގެންދާ ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޓީޒާ ޓްރެއިލާ އާންމުކޮށްފިއެވެ.

އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒް ދައްކާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. މިއީ ސިދާތުގެ ފިލްމީ ކެރިއަރުގައި އޭނާ ކުޅޭ ފުރަތަމަ ސީރީޒްވެސްމެއެވެ. ޖުމްލަ 7 އެޕިސޯޑުގެ މައްޗަށް އުފައްދާފައިވާ މި ސީރީޒަކީ ރޯހިތު ޝެޓީ އާއި ސުޝްވަންތު ޕްރަކާޝް ޑައިރެކްޓްކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ޝިލްޕާ ޝެޓީ، ވިވެކް އޮބެރޯއީ، އީޝާ ތަވްލާރް، ނިތިން ދީރް، ޝްވޭތާ ތިވާރީ، ޝަރަދު ކެލްކަރް، މުކޭޝް ރިޝީ އަދި ކަރަންވީރް މަލްއުތުރާ ހިމެނެއެވެ. ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދޭތަން ފެނިގެންދާ މި ޓީޒާ އަށް ގިނަ ބަޔަކު ތައުރީފްކުރަމުން އަންނައިރު މި ސީރީޒުގައި ޝިލްޕާ އާއި ވިވެކް ވެސް ފެނިގެންދާނީ ވަރުގަދަ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ.

2012 ވަނަ އަހަރު ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި ސިދާތު އަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި މަޝްހޫރުވެގެން ދިޔަ ތަރިއެވެ. މިހާތަނަށް ގިނަ ފިލްމުތަކެއް ސިދާތު ކުޅެފައިވާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މި އަހަރު ޖަނަވަރީ މަހު ރިލީޒްކުރި "މިޝަން މަޖްނޫ" އިންނެވެ. މި ފިލްމުގައި އޭނާ އާއެކު ލީޑު ރޯލުން ފެނިގެންދިޔައީ ބޮލީވުޑްގައި އަރަމުން އަންނަ ތަރި ރަޝްމިކާ މަންޑާނާއާއެކުގައެވެ. އެކްޓަރު ސިދާތު ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ އަންނަ އަހަރުގެ މާޗު މަހުގެ 15 ގައި ރިލީޒްކުރާ "ޔޯދާ" އެވެ. އެ ފިލްމަކީ އެކްޝަން ތުރިލާ ޖޯންރާ އަށް ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.