ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެ ޕާޓީއިން ހުޅުވާލައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ އެކަމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލަނީ މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ 4 ގަޑި ސުންމިނެޓާ ހަމައަށް ކަމަށެވެ.
އެ ޕްރައިމަރީގައި ވާދަކުރެވޭނީ:
- އެމްޑީޕީގެ މެމްބަރަކަށް.
- ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.
ވަހީދު ވިދާޅުވީ ޕްރައިމަރީއެއް ބާއްވަން ޖެހޭ ތަންތަނުގައި ޕްރައިމަރީއެއް ބޭއްވުމަށް ގަސްތުކޮށްފައި ވަނީ އަންނަ މަހުގެ 26 އަދި 27 ވަނަ ދުވަހަށް ބަހާލައިގެން ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެއް ދުވަހާ ޕްރައިމަރީ ހިންގުމުގައި އިދާރީ ގޮތުން އެންމެ ފަސޭހަ ނުވެދާނެތީ ކަމަށް ވަހީދު ވިދާޅުވިއެވެ.
އެ ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް ޕާޓީއަށް ހުށަހަޅާ ފޯމުތަކުގެ މެންބަރުންނަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އެ ދެ ދުވަސް ޕްރައިމަރީ ބޭއްވުމަށް ނިންމި ނަމަވެސް އެ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިހާރު އޮތީ ޑިމޮކްރަސީއާ ދުރުގައި މަސައްކަތްކުރާ ސަރުކާރެއް ކަމުން ސްކޫލުތައް ނުލިބި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
ވަހީދު ވިދާޅުވީ މި ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާއިރު މި ފަހަރު މިދިޔަ ރައްޔިތުން މަޖިލީސް އިންތިހާބާ ތަފާތަށް އެއް ކަމެއް ކުރާ ކަމަށައި މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޝައުގުވެރިކަން ހުށަހަޅަން ހުޅުވާލިއިރު ބަލަނީ ހަމައެކަނި ޕާޓީގެ މެންބަރެއްތޯ އެކަނި ކަމަށާއި އެހެންނަމަވެސް މި ފަހަރު ކުށުގެ ރިކޯޑު ސާފުކުރުމަށްފަހު ހުށަހަޅަން ޖެހޭ ކަމަށެވެ.
ވަހީދު ވިދާޅުވީ ޕްރައިމަރީގެ ފޯމު މިހާރު ޕާޓީގެ ވެބްސްއިޓުން ލިބެން ހުންނާނެ ކަމަށާއި އެ ފޯމާއެކު ކުށުގެ ރިކޯޑު ބަލާ ފޯމުތައްވެސް ހުންނާނެ ކަމަށެވެ.