ހައްދަުފަހަނަޅާފައިވާ އިޒްރޭލުން ހާން ޔޫނިސްގެ ސްކޫލަކަށް ދިން ހަމަލާގައި، ލިބުނު ޒަހަމްތަކަށް ފަރުވާއެއް ނުލިބި އަލްޖަޒީރާގެ ފޮޓޯ ޖާނަލިސްޓު ސާމިރު އަބޫދައްގާ މަރުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އިޒްރޭލުން ހާން ޔޫނިސްގައި ހުންނަ ފަރްހާނާ ސްކޫލަށް އަމާޒުކޮށް ހަމަލާ ދިންއިރު ސާމިރު އަބޫދައްގާ ދިޔައީ އެ ހިސާބުގެ ހަބަރުތައް ގެނެސް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. ސާމިރު އަބޫ ދައްގަ އާއި އެކު އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިޔާ ވައިލް ދަދޫހް އަށްވެސް މި ހަމަލާގައި އަނިޔާވެފައި ވާއިރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ވައިލް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެމީހުން މަސައްކަތް ކުރަމުން ދިޔައީ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކުރުމާ ގުޅިގެން އެއްވެސް ކަހަލަ ހަބަރެއް އަދި މައުލޫމާތެއް ނުލިބޭ ސަރަހައްދުތަކުގެ ހަބަރު ގެނެސް ދިނުމަށްކަމަށެވެ.
މި ގޮތުން ފަރްހާން ސްކޫލު ހުންނަ ސަރަހައްދުގެ ހަބަރުތައް ގެނެެސްދިނުމަށް އެ ޓީމުން މަސައްކަތް ކުރަމުން ދިޔަ ވަގުތު އެމީހުން ދަތުރުކުރި ކާރަށް އެ ހިސާބަށް ނުދެވުމާ ގުޅިގެން އަބޫދައްގާ އާއި ބައެއް ރިޕޯޓަރުން ހިނގާފައި އެ ސަރަހައްދުގެ މަންޒަރުތައް ނެގުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ވައިލް ވަނީ ބުނެފައެވެ. އެ ވަގުތު އެ ސަރަހައްދަށް އިޒްރޭލުން ހަމަލާދޭން ފެށުމާއެކު އެންމެންވެސް ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
އިޒްރޭލުގެ ހަމާލާ އަމާޒުވެ އަބޫދައްގާ އަށް ލިބުނު ޒަހަމްތަކަށް ފަރުވާއެއް ހޯދުމަށް އާދޭސްކޮށް، އެކަމަކަށް މަސައްކަތް ކުރަމުން ދިޔަކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އިޒްރޭލުން މެދުކެނޑުމެއް ނެތި ދެމުން ދިޔަ ހަމަލާތަކާއެކު، އެ ސަރަހައްދުގައި ޒަހަމްވި އެއްވެސް މީހަކަށް ފަރުވާ ދިނުމަށް ނުވަތަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްވެސް އެމްބިއުލާންސް އަދި މެޑިކަލް ޓީމުތައް ގާތްވުން އިޒްރޭލުން މަނާކުރުމާ ގުޅިގެން އޭނާގެ އިތުރުން ހަމަލާގައި ޒަހަމްވި އެއްވެސް މީހަކަށް ފަރުވާދިނުމުގެ ފުރުސަތެއް ލިބިފައެއް ނުވެއެވެ.
އިޒްރޭލުން ދިން ހަމަލާގައި އަބޫދައްގައަށް ލިބުނު އަނިޔާތަކަށް އެއްވެސް ފަރުވާއެއް ނުލިބި 5 ގަޑިއިރު އެ ހާލުގައި އޮތުމަށްފަހު މަރުވުމާ ގުޅިގެން އަލްޖަޒީރާ ނޫހުން ވަނީ ގާޒާ އަދި ބެލްޖިއަމްގައި ދިރިއުޅެމުން އަންނަ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. މީގެ އިތުރުން އެ ނޫހުން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުގެ ހަމަލާތައް އަލްޖަޒީރާގެ ޖާނަލިސްޓުންނާ އެމީހުންގެ އާއިލާތަކަށް އަމާޒުކޮށްފައިވާ ކަމަށެވެ. އަދި އަބޫދައްގައަށް އަވަސްފަރުވާ ފޯރުކޮށްދިނުމުގައި އިޒްރޭލުން ހުރަސްއަޅާފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އޭނާ މަރުވީ ފަރުވާނުލިބި 5 ގަޑިއިރު ހޭދަކުރުމަށްފަހު ކަމަށެވެ.
ޔަހޫދީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް އާންމު ރައްޔިތުންގެ އިތުރުން ނޫސްވެރިންނަށްވެސް އަމާޒުކޮށްފައިވާއިރު، ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ އިޒްރޭލުން ނޫސްވެރިންނަށް ދެމުންދާ އަނިޔާތައް ހުއްޓުވުމަށް ގޮވާލާފައެވެ.
ޝަހީދު ވީ އޭ ލިޔެ ބަލަ