ހދ. ކުޅުދުއްފުށިން ފެނުނު ފައިލޭރިއާ ބައްޔަށް މިހާތަނަށް 17 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ބޭއްވި ހާއްސަ ސްކްރީނިންގް ޕްރޮގްރާމްގެ ތެރެއިން ބެލި ބެލުމުން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވަނީ މިއަދުއެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ފަރާތްތަކަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ސަރަހައްދުތަކުން އައިސްފައިވާ ފަރާތްތަކެއް ކަމަށެވެ. އަދި އެ ރަށުގެ އިތުރު ބިދޭސީން ޓެސްޓު ކުރުމުގެ ތެރެއިން މިހާތަނަށް 17 ފަރާތެއް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންގެ ގައިގައި ބަލި ހުރިތޯ އިތުރަށް ޔަގީން ކުރުމަށް ޓެސްޓު ހެދުމުގެ އިތުރުން ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކާ މެދު ދޭނެ ފަރުވާ އާ މެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

ފައިލޭރިއާ ޖެހެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، 'ވޫކެރީރިއާ ބެންކްރޮފްޓީ' ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމުން ފެތުރޭ ބައްޔެކެވެ. ފައިލޭރިއާ ޖެހުމަށްފަހު ވެސް ބޭރަށް އަލާމާތްތައް ނުފެނު ހުރުން އެކަށީގެންވެއެވެ.

ނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުން ކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިއީ ޗިކަން ގުންޔާ ފަދަ ބަލިތައް ފަތުރާ މަދިރިއާ މުޅިން ތަފާތު މަދިރިއެއްކަން ފާހަގަކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުންވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. އެއަށްފަހު 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައިނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެ ބަލި ނައްތާލެވިފައިވާ ގައުމުތަކުގެ ގޮތުގައި ރާއްޖެ ހިމަނާފައިވަނީ 2016 ވަަނަ އަހަރު އެވެ. މި ބައްޔަށް ދެވޭ ފަރުވާއަކީ އެއް ފަހަރު ބޭނުން ކުރާ ދެ ބޭހެކެވެ.