"ދަ އާޗީސް" އިއުލާންކުރި ހިސާބުން ފެށިގެން ފިލްމު ރިލީޒްކުރުމާ ހަމައަށް ފިލްމަށް އިންތިޒާރުކުރެވުނެވެ. ސަބަބެއްވެސް ނެތިއެއްނޫނެވެ. ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން 23، ލެޖެންޑަރީ ތަރި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ 23، އަދި ކާމިޔާބު ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރު ބޮލީވުޑަށް ޑެބިއުވާ ފިލްމަށްވާތީއެވެ. މި ފިލްމު މި މަހު ހަތްވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރުމުން ޖެހިގެން އައިދުވަހު ފިލްމު ބެލީމެވެ. އާންމުކޮށް އިންނަ ތަނުގައި އިށީދެގެން ފިލްމު އެއްކޮށް ނިމެންދެން ބަލަން އިން މީހާއަށް މި ފިލްމު ނިންމާލެވުނީ 24 ގަޑިއިރު ތެރޭ އެކި ފަހަރު ބަލައިގެންނެވެ. ފިލްމުގެ ކުރީކޮޅު ކަމުނުދިޔަ ނަމަވެސް ފިލްމުގެ މެދުތެރޭ އަދި ނިމޭހިސާބު ރަނގަޅަށެވެ.

  • ތަރިން

ސުހާނާ ހާން (ވެރޯނިކާ ލޮޖް)، އަގަސްތިޔާ ނަންދާ (އާޗީ އެންޑްރޫސް)، ހުޝި ކަޕޫރު (ބެޓީ ކޫޕާ)، ވެޑާންގް ރެއިނާ (ރެޖީ މޭންޓްލް)، މިހިރް އަހޫޖާ (ޖަގްހެޑް)، އަދިތީ ޑޮޓް (އެތެލް މަގްސް) އަދި ޔުވްރާޖް މެންޑާ (ޑިލްޓަން ޑޮލީ)އެވެ.

  • މައިގަނޑު ވާހަކަ

މި ފިލްމަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ކޮމިކް ސީރީޒް "ދަ އާޗީސް" އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލު ކުޅޭ ހަތް ތަރިންނަކީ އެންމެ ކުޑައިރުންފެށިގެންވެސް ގާތް އެކުވެރިންނެވެ. ރިވަޑޭލްގައި ދިރިއުޅެމުން އަންނަ މި ކުދިންގެ ހަޔާތުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ އޮންނަ ތަނެއް އޮވެއެވެ. އެއީ ގްރީންޕާކެވެ. އެއީ އެކުދިން އެންމެ ދުރު ހަނދާނެވެ. ސްކޫލް ކުދިންގެ ގްރޫޕަކުން ލޯތްބާއި އެކުވެރިކަމާއި ހިތްދަތިކަން ދަތުރުކުރާ އުފާވެރިކަން ދައްކުވައިދޭ މި ފިލްމަކީ މިއުޒިކަލް ޑްރާމާއެކެވެ. މި ހަތް ޒުވާނުންނަށް ވެސް ދަސްވެގެންދިޔައީ ދިރިއުޅުމުގައި ޑޭޓްތަކާއި ޕާޓީތަކަކީ މުހިއްމު ކަންކަން ނޫން ކަމަށެވެ. އެމީހުންނަށް ދަސްވީ ގައުމަށް، އިންގިލާބެއް ގެންނަން ބޭނުންނަމަ ޒުވާނުންގެ ދައުރުގެ ބޮޑުކަމެވެ. އާޗީ އަކީ އޭނާ އަމިއްލައަށް ހިޔާލުގައި އުޅޭ މީހެކެވެ. އަންހެން ކުދިންނަށް އަބަދުވެސް ސަމާލުކަން ދޭ އާޗީގެ ދިރިއުޅުމަށް އޭނާ ލޯބިވާ ދެ ކުއްޖަކު އާދެއެވެ. އެއީ ވެރޮނިކާ އާއި ބެޓީއެވެ. އާޗީގެ ހިތުގައި ދެމީހުންނަށްވެސް އިހުސާސްތަކެއް އުފެދެއެވެ.

ރިވަރޑޭލްގައި ހުންނަ ހަމައެކަނި ޓްރެވަލް އެޖެންސީގެ ވެރިޔާގެ ދަރިފުޅު އާޗީގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރެއްގެ ސަބަބުން އެ ދެމީހުންނާ އެއްފަހަރާ ޑޭޓްކުރެވިދާނެ ކަމަށް ގަބޫލުކުރެވުނެވެ. ފިލްމުގެ މަންޒަރުތަކަކީ 1964 ވަނަ އަހަރުގެ މަންޒަރުތައް ނަމަވެސް ވެރޮނިކާ އާއި ބެޓީ އަކީ "ޒަމާނީ" އަދި ހަރުކަށި ޒުވާން އަންހެނުންނެވެ. މިކަމުގައި އެންމެ ޝައުގުވެރިކަމަކީ ބެޓީ އާއި ވެރޮނިކާ އަކީ އެންމެ ކުރީއްސުރެ ފެށިގެންވެސް އެންމެ ގާތް ދެ އެކުވެރިންނަށް ވުމެވެ. އަބަދުވެސް އާޗީ ދެކެ "ލައިކް" ވާ ބެޓީގެ ހިތުން އާޗީ ފޮހެލީ އެންމެ ގާތް އެކުވެެރިޔާ ވެރޮނިކާ އާއި އާޗީ ގުޅުމުންނެވެ. ނަމަވެސް ވެރޮނިކާ އަމިއްލަ ވަޒަން ދޫކޮށް އެހެން ގައުމަކަށް ކިޔަވަން ދަމުން ދިޔައި އާޗީ އާ ރުޅިވެފައެވެ. ދެ އަހަރުދުވަސްތެރޭ އާޗީ އާއި ބެޓީގެ އެކުވެރިކަން ބަދަހިވިއެވެ. ހުރިހާ ކަމެއް ބަދަލުވެގެން އައީ ދެ އަހަރުފަހުން ވެރޮނިކާ އެނބުރި ރިވަޑޭލްއަށް އައުމުންނެވެ.

އަބަދުވެސް ލަންޑަނަށް ދިޔުމުގެ ހުވަފެން ދެކެމުން އަންނަ އާޗީ އަށް ވެރޮނިކާ އާއި ބެޓީ ދެކެ ލޯބިވެވި އެއްފަހަރާ ދެމީހުން ގެންގުޅެން ފަށައެވެ. އެންމެ ގާތް އެކުވެރިޔާ ޖަގްހެޑް އަބަދުވެސް އާޗީ ގާތު ކިޔަމުން ދިޔައީ ދެމީހުންނާ އެއްފަހަރާ ޑޭޓްނުކުރުމަށެވެ. ސަބަބަކީ ބެޓީ އާއި ވެރޮނިކާ އަކީ އެންމެ ގާތް ދެ އެކުވެރިންނަށް ވެފައި އެކަން ފަޅާއަރާ ދުވަހަކުން އާޗީ "ކަތިލާން" ވެސް ފަސްނުޖެހޭނެތީއެވެ. ކޮންމެއަކަސް އާޗީ އަށް ލަންޑަނަށް ދާން ފުރުސަތު ލިބެއެވެ. ނަމަވެސް އެދުވަސްވަރުވެގެންދިޔައީ ވެރޮނިކާގެ ބައްޕަ ހައިރަމް އިސްނަގައިގެން އެ އަވަށުގެ ގްރީން ޕާކް ގައި ހުރި ގަސްތައް ކަނޑާ އެތަނުގައި ހޮޓެލްތަކެއް އަޅަން ނިންމި ދުވަސްވަރަށެވެ. އަވަށުގެ މީހުން ގްރީން ޕާކު ދެކެ ކިތަންމެ ލޯބިވި ނަމަވެސް ހައިރަމް އާ ދެކޮޅު ހަދާކަށް އެކަކަށްވެސް ނުކެރެއެވެ. އަވަށުގެ މީހުންނަށް ބިރުދައްކައި ގްރީންޕާކު ސުންނާފަތިކުރުމަށްފަހު އެތަނުގައި ހޮޓެލެއް ހަދަން ރައްޔިތުން އެއްބަސްކުރުވައެވެ. ނަމަވެސް ހައިރަމްގެ އެ ނިންމުން ކަމުނުދިޔައީ އެ ހަތް އެކުވެރިންނަށެވެ. ބައްޕަ ހައިރަމްގެ ސަބަބުން ވެރޮނިކާ އާއި އޭނާގެ އެކުވެރިންގެ މެދުގައި މައްސަލަ އުފެދެއެވެ. ރިވަޑޭލްގެ އެންމެ މުހިއްމު ބިނާ ސަލާމަތްކުރުމަށް އެ ހަތް އެކުވެރިން މަސައްކަތް ފަށައެވެ. އުނދަގޫ ހިތްދަތި މަރުހަލާއެއް ކަނޑައްތުކުރުމަށްފަހު އެ ހަތް އެކުވެރިން ރިވަޑޭލްގެ ގްރީން ޕާކު ސަލާމަތްކުރީ އެ އަވަށުގެ މީހުންތައް އުފަލުން ރޮއްވާލުމަށްފަހުއެވެ.

އާޗީސް ބަލައިގެން ދުވަހުގެ ހުސްވަގުތެއް ދުއްވާލެވިދާނެއެވެ. ނަމަވެސް ޒޯޔާ އަޚްތަރު ފަދަ ޑައިރެކްޓަރެއްގެ ފަރާތުން އުންމީދުކުރި ވަރުގެ މޮޅު ފިލްމަކަށް އާޗީއެއް ނުވިއެވެ. މި ފިލްމު ބެލުމަށްފަހު ލެޓްޑައުން އެއް ކަހަލަ އިހުސާސެއް ކުރެވުނެވެ.