އަންނަ އަހަރު މާޗު މަހު ރަޝިއާގައި އޮންނަ އާންމު އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް އެގައުމުގެ މިހާރުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.
އޭނާ މިކަން އިއުލާން ކުރެއްވީ އިއްޔެ ކްރެމްލިންގައި ހުންނަ ރިޔާސީ ގަނޑުވަރުގައި އޮތް ހަފްލާއެއްގައެވެ.
އަންނަ އަހަރުގެ މާޗް 17 ގައި އޮންނަ މި އިންތިހާބުގައި ޕުޓިން ވާދަ ކުރައްވާނެކަން ހާމަ ކުރައްވާފައި ވާ އިރު މި ވާނީ އޭނާގެ 5 ވަނަ ދައުރަށެވެ. އަދި މި އިންތިހާބަކީ، ރަޝިއާއިން ޔޫކްރައިން އަށް އަރާ އަމިއްލަ ކުރި ސަރަހައްދުތައް ކަމަށް ވާ، ޑޮނެސްކް، ލުހާންސްކް، ޒެޕްރޯޒިއާ އަދި ޚާސަން ގެ ރައްޔިތުން ވޯޓުލާނެ ފުރަތަމަ ފަހަރެވެ.
ރަޝިއާގެ އިންތިހާބާ ބެހޭ ކޮމިޝަނުން ބުނީ، އެ 4 ސަހަރައްދުގައި ވޯޓުލުން ކުރިއަށް ދާނީ ދޮރުން ދޮރަށް އޮފިޝަލުން ގޮސްގެން ކަމަށާއި އެކަން ކުރުމަށް މާޗް 15، 16 އަދި 17 ކަނޑައަޅާފައި ވާ ކަަމަށެވެ.
1999 ގައި ބޮޑުވަޒީރުކަމުގައި ހުންނެވުމަށް ފަހު، އޭރު ވެރިކަމުގައި ހުންނެވި ބޮރިސް ޔެލްސިން އިސްތިއުފާ ދެއްވުމުން ވެރިކަން ލިބިވަޑައިގަތީ ޕުޓިން އަށެވެ. އޭގެ ފަހުން 4 އަހަރުގެ 2 ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ޖެހިގެން އައި ދައުރުގައި ޑިމިޓްރީ މެޑްވެޑޯވް އާ ވެރިކަން ހަވާލު ކުރެއްވިއެވެ. އެއީ ރަޝިއާގެ ގާނޫނުތަކުން އެކަކަށް 2 ދައުރެއްވުރެ ގިނައިން ވެރިކަމުގައި ނުހުންނެވޭތީ އޭރު ކުރެއްވި ކަމެކެވެ. އެ ދައުރުގައިވެސް ބޯޑުވަޒީރަކަށް ހުންނެވީ ޕުޓިންއެވެ. ނަމަވެސް އޭގެ ފަހުން 2012 ގައި އަލުން ވެރިކަމަށް ވަޑައިގަތުމަށް ފަހު 4 އަހަރުގެ ދައުރު ހަމަކުރައްވައި 2018 ގެ އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. އޭގެ ފަހުން އައި 2021 ގައި 6 އަހަރުގެ 2 ދައުރު އަދާ ކުރެވޭގޮތަށް އާ ގާނޫނެއް އުފަން ކުރައްވައި އޭނާ ވަނީ ތަސްދީގު ކުރައްވާފައެވެ. އެހެން ކަމުން އަންނަ އަހަރުގެ އިންތިހާބާ އެކު ރައީސް ކަމަށް ވަޑައިގެން 2036 އަންނަންދެން އޭނާ އަށް ވެރިކަމުގައި ހުންނެވިދާނެއެވެ.
އާންމު އިންތިހާބަށް ރަޝިއާ ކުރިމަތިލާއިރު އެގައުމުގައި އިދިކޮޅު ފަރާތްތަކެއް ނެތެވެ. ކިރިޔާވެސް ދެކޮޅަށް ނުކުންނަ މީހެއް ވިއްޔާ ހުރީ ޖަލުގައެވެ. އިދިކޮޅު ލީޑަރުގެ ގޮތުގައި ހުޅަނގުން ބަލާ އެލެގްޒީ ނަވާލްނީ ވެސް ހުރީ 19 އަހަރުގެ ހުކުމެއްގައި ޖަލުގައެވެ. އެހެން ކަމުން އިދިކޮޅަށް ވާހަކަ ދައްކާ ބަޔަކު ފިޔަވައި އަމަލީގޮތުން މަސައްކަތެއް ކުރާނެ އިދިކޮޅު ލީޑަރަކު ނެތެވެ.
ރަޝިއާއިން ޔޫކްރައިން އާ ހަނގުރާމަ ކުރަމުން ދާ ދަނޑިވަޅެއްގައި އާންމު އިންތިހާބަކަށް ދާއިރު ސިޔާސީ ޕްރެޝަރެއް ޕުޓިން އަކަށް ނެތެވެ.