މި މަހު އެއްވަނަ ދުވަހު ސިނަމާތަކުގައި ޕްރިމިއާކުރި ފިލްމު "އެނިމަލް" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު އާއި ރަޝްމިކާ މަންދާނާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ އަނިލް ކަޕޫރު އާއި ބޮބީ ޑިއޯލްވެސް ހަރަކާތްތެރިވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ފިލްމު އެޅުވިތާ ހަފްތާއެއްހާ ދުވަސް ތެރޭ ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 587 ކްރޯޑް ރުޕީސް (70 މިލިއަން ޑޮލަރު) ލިބިފަ އެވެ. އަދި އިންޑިއާގެ އެކި ސްޓޭޓްތަކުގެ ސިނަމާތަކުގައި އަޅުވައިގެން މި ފިލްމަށް 37 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ދަރިފުޅަށް ބައްޕަގެ ފަރާތުންދޭންޖެހޭ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުން، ދެބަފައިންގެ މެދުގައި ހިނގާ ކަންތައްގަނޑެއް މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ދަރިފުޅުގެ ރޯލު ރަންބީރު ކުޅޭއިރު ބައްޕަގެ ރޯލު ކުޅެނީ އަނިލްއެވެ. އެކްޓަރު ރަންބީރުގެ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "އެނިމަލް" މިހާރުވެފައިވާއިރު މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއްވެސް ފެނިގެންދާނެ ފިލްމެކެވެ. ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޓްކުރި މި ފިލްމުގެ ސަޕޯޓިން އެކްޓްރަސްގެ ރޯލު ކުޅުނު ޓްރިޕަޓީގެ އެކްޓިން ވަނީ ގިނަ ބަޔަކު ފާހަގަކޮށްފައެވެ. ކްރިޓީކުންގެ އިތުރުން ބެލުންތެރިންގެ މެދުގައި މަގްބޫލު މި ފިލްމަކީ ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެއް ވެސްމެއެވެ.