ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީއާއެކު އިމާދުއްދީން ސްކޫލްގައި ތެރަޕީ ރޫމެއް ގާއިމް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މި ތެރެޕީ ރޫމް ގާއިމް ކޮށްފައި ވަނީ، އެ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ކަމަށެވެ. މިއީ މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރާ އިންވެސްޓްމަންޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

މި ތެރަޕީ ރޫމް ފަރުމާކޮށްފައި ވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެކުދިންގެ ގާބިލްކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ ވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން 'ސެންސަރީ އެކްޓިވިޓީސް އާއި ކައުންސިލިން ވެސް މި ތެރަޕީ ރޫމުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން މި ތެރަޕީ ރޫމް ބޭނުން ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލްއަކީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުން އަންނަ ބޭންކެކެވެ. އެގޮތުން އިންވެސްޓް ކުރާ އިރު، ތައުލީމީ ދާއިރާ އަކީ ބޭންކުން ހާއްސަކަމެއްދޭ މުހިންމު ދާއިރެއެކެވެ.

ފާއިތުވި ހަތަރު އަހަރުގައި ބީއެމްއެލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕޭޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހިދިޔާ ކޮށްފައެވެ. ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަރ ލެބް ތަރައްގީ ކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.