ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދި އެއްކޮށް ސާފު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑަިއގަތުމަށް ފަހު އެއްކުރި މައުލޫމާތުން ރާއްޖޭގައި ޖުމްލަ 77 އިންޑިއާ ސިފައިން ތިބިކަން ސާފުވެފައި ވާ ކަމަށެވެ.

އެހެންނަމަވެސް މިއަދު ރައީސް މުއިއްޒު ވިދާޅުވީ 77 އިން ގޮސް 89 އަކަށް ސިފައިންގެ އަދަދު އަރާ ކަަމަށާއި އެއަށްވުރެ އިތުރުވެސް ވެދާނެ ކަމަށެވެ. އަދިވެސް ހުރިހާ މައުލޫމާތު އެއްކޮށް ސާފުވި ކަމަށް ނުބެލެވޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"77 އިން ގޮސް 89 އާ ހަމައަށް އެބަދޭ. އެ ވެސް ސާފެއް ނުވޭ. އެއަށް ވުރެ އިތުރު ވެސް ވެދާނެ. އެހެންވީމާ އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް އެއްކޮށް ސާފުވި ކަމަކަށް ނުބެލެވޭ،"
ރައީސް މުއިއްޒު

މުއިއްޒު ވިދާޅުވީ މިހާތަނަށް ފެނުނު ރޭންޖަކީ އެއީ ކަމަށާއި އެކަމަކު އެއަށް ވުރެ ގިނަ ވެސް ވެދާނެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް ކުރަމުން ދާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީއެއްގައި އެ މަސައްކަތްތައް ވަރަށް ބާރަށް ހިނގާ ކަމަށެވެ.

ކޮޕް ސަމިޓުގެ ބައްދަލުވުމުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު މޯދީއެކު ދެކެވުނު ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ދެންނެވި ކަމަށާއި އެ ކަންކަމަށް ރިއާޔަތް ކުރެވި އެ ކަންކަން ހައްލުވެގެން ދިޔުމަކީ ރާއްޖޭގެ އެންމެން އެދޭ ގޮތް ކަމަށްވެސް ދެންނެވި ކަމަށެވެ.

ކޮންމެ ގައުމަކާވެސް އިސްތިގުލާލުގެ އުސޫލާއި ހަމަތަކުގެ ތެރެއިން ގާތް ގުޅުމެއް އޮންނާނެ ކަމަށް ދެންނެވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެ ބައްދަލުުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވާހަކަ ސީދާ ދައްކަވާފައެއް ނުވެއެވެ.

އޭގެ ކުރިން، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންނާއި ހުވާ ކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ އާޓު މިނިސްޓަރާ ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިންގެ ވާހަކަ ދައްކަވާފައެވެ. އަދި ސިފައިން ގެންދިޔުމަށް ރަސްމީކޮށް އެދިވަޑައިގަތީ ހުވާ ކުރެއްވުމަށް ފަހުއެވެ.