ފިލިޕީންސްގެ ދެކުނުގައި ބިތުގައި އޮންނަ މިންޑަނާއޯ އަށް ރިކްޓާ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު ޖަޕާނުގެ ދެކުނުބިތުގެ ރަށްތަކުގެ އައްސޭރި ފަށަށް ސުނާމީއެއް އަރައިފިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އާ ގާތްގަނޑަކަށް 290 ކިލޯމީޓަރު ދުރުގައި އޮންނަ ހަޗިޖޮޖިމާ ގެ އައްސޭރި ފަށަށް 1 ފޫޓަށް ވުރެ ބޮޑެތި ރާޅުތައް އަރާފައި ވާ އިރު، އޮފިޝަލުން ކުރިން ހީކުރީ ރާޅުރަކުގެ އުސްމިން 3 ފޫޓަށް އަރާނެކަމަށެވެ.

އަދި ބިންހެލުން އައި ވަގުތު އާންމު ކުރި ބައެއް މައުލޫމާތުތަކަށް ބަލާއިރި ރާޅު އުސްމިން 10 ފޫޓަށް އަރާނެ ކަމަށްވެސް އަންދާޒާ ކުރިއެވެ. ނަމަވެސް ފަހުން އެލާޓް ލެވެލް ދަށްކޮށް އެފަދަ ނުރައްކަލެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

https://youtu.be/fKsFLPr8GD0

ބިންހެލުން އައި ފިލިޕީންސްގެ ސަރަހައްދަކީ ބައިމަދު ރަށްފުށުގެ ސަރަހައްދެއް ކަމުން، އެސަރަހައްދަށް މާބޮޑު ގެއްލުމެއް ލިބި އަދި މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި ބައެއް ޖިފުޓިތައް ވެއްޓި ހަލާކުވެފައި ވެއެވެ.

ބިންހެލުމާ ގުޅިގެން އިތުރު ކުދި ލޮޅުންތައް ވެސް އައިސްފައި ވާ އިރު، ޖިއޮލިޖިކަން އިދާރާތަކުން ބުނެފައި ވަނީ އެފަދަ ލޮޅުންތަކުގައި ވެސް 6.3 ގެ ބާރުމިން ހުރި ކަމަށެވެ.

ފިލިޕީންސަށް ބިންހެލުން އައުމާއެކު އާންމުން ރައްކާތެރި ސަރަހައްދަކަށް ޖަމާވެފައި

މިހާދިސާ ހިނގުމާއެކު ބިންހެލުން އައި ސަރަހައްދުތަކުގައި ދިރިއުޅެމުން ދިޔަ 40،000 އެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ އިތުރުން، ގިނަ ބަޔަކު އުޅަނދުތަކުގައި ކަނޑުމައްޗަށް ނިކުމެފައި ވާ ކަަމަށް ހަބަރުތައް ބުނެއެވެ. ބިންހެލުމުގެ ހާލަތުގައި އެއްގަމަށް ވުރެ ކަނޑުމަތީގައި ތިބުން ރައްކާތެރިކަމަށް ބެލެވިފައި ވަނީ މީގެ ކުރިން ރާއްޖެއަށް ވެސް އަސަރު ކުރި އިންޑޮނީޝިއާގެ ސްމަޓުރާ ބިންހެލުމުގައި ކަނޑުމައްޗަށް ނިކުތް ގިނަ ބަޔަކު ސަލާމަތްވެފައި ވާތީއެވެ.

ފިލިޕީންސަކީ އާންމުކޮށް ބިންހެލުން އަންނަ 'ރިންގް އޮފް ފަޔާ' ގައި ހިމެނޭ ގައުމެކެވެ. އެ ސަރަހައްދުގައި ހިމެނޭ އަލިފާން ފަރުބަދަ ތަކަކީ ޕެސިފިކް ކަނޑުގެ ވަށައިގެން ފެތުރިފައި އޮންނަ ފަރުބަދަތަކުގެ ބޮޅެކެވެ.

މި ބިންހެލުން އައި ކަމަށް ޔޫރަޕިއަން އެޖެންސީތަކުން ނޯޓު ކޮށްފައިވަނީ ބިމުގެ އަޑިން 63 ކިލޯމީޓަރަށެވެ. ނަމަވެސް އެމެރިކާގެ އިދާރާތަކުން ބުނެފައި ވަނީ ބިންހެލުން އައީ ބިމު އަޑިން 32 ކިލޯމީޓަރަށް ކަމަށެވެ.