އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހިތަދޫ ގައި ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ރޭ ހިނގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ފިރިހަނަކު ޒަހަމްކޮށްފައިވާއިރު އޭނާއަށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ މި މީހާގެ ހާލު ސީރިއަސް ކަމަށާއި މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލާ ތަހުގީގުކުރަމުން އަންނަކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް އައްޑޫ ސިޓީގައި މާރާމާރީ އާއި ވައްކަމާ، މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު މި މައްސަލަތަކައް އަވަސް ހައްލެއް ހޯދައިދިނުމަށް ގިނަ ބަޔަކު އަންނަނީ ކަމާއި ގުޅޭ އިދާރާތަކަށް ގޮވާލަމުންނެވެ.