އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ "މީ އިޝްގް" ގެ ރަސްމީ ޓްރެއިލާ ދައްކާލައި ފިލްމު ރިލީޒްކުރާނެ ތާރީހު އިއުލާންކޮށްފިއެވެ.
މާލޭގެ އިތުރުން މާފުށީގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު ޓްރެއިލާ އަށް އަންނަނީ ބެލުންތެރިންގެ ތަރުހީބު ލިބެމުންނެވެ. ފިލްމުގައި އާރިޒް (ޝަރަފް) އާއި ސަބާ (އާޝާ) ދިމާވަނީ މާފުށީ ގެސްޓު ހައުސްއަކުންނެވެ. ދެމީހުން އެއް ރޫމެއް ބުކްކޮށްގެން އުޅުމުގެ ތެރޭގައި ދެމީހުން ދިމާވެއެވެ. އެ ދަތުރުގައި އާރިޒް އާއި ސަބާގެ ގުޅުން ބަދަހިވެއެވެ. އަދި ލޯބީގެ ގޮތުން ގުޅެއެވެ. ދަތުރު ނިންމާލާ މާލެ އަންނަ ހިސާބުން ސަބާ އަށް އާރިޒް ގެއްލެއެވެ. ސަބާގެ މަންމަގެ ރޯލުން ފެނިގެންދަނީ ކުޅަދާނަ ބަތަލާ އާމިނަތު ރަޝީދާ އެވެ. ސަބާ އަށް ވިސްނައިދޭން މަސައްކަތްކުރެއެވެ. މުއްސަނދި މީހުންނަށް ލޯތްބަކީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށް ބުނެއެވެ. ޝައުގުވެރި ގިނަ މަންޒަރުތަކެއް ފިލްމުން ފެނިގެންދިޔައިރު މި ފިލްމަކީ އަންނަ އަހަރު އޮލިމްޕަސް ސިނަމާގައި އަޅުވާ އެންމެ ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
"ދަރަކަ" އަދި "މިރާއީ" ޑައިރެކްޓްކޮށް އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "މީ އިޝްގް" އަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. ފިލްމު ލޯންޗްކުރުމުގެ ހަފްލާގައި ވާހަކަދައްކަމުން އަޒްހާން ބުނީ މި ފިލްމަކީ ބެލުންތެރިން ރޮއްވާލާނެ ކަހަލަ އަސަރުގަދަ ފިލްމެއް ކަމަށެވެ. ތަފާތު ގިނަ ކަންތައްތަކެއް މި ފިލްމުން ފެނިގެންދާއިރު މިއީ ލޯބީގެ ރީތި ފިލްމެއްކަމަށް ވެސް އަޒްހާން އޭރު ވަނީ ބުނެފައެވެ.