ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" ނަމުގައި ޕްރޮގްރާމެއް މުސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިއަދު އިފްތިތާހް ކޮށްފިއެވެ.
އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވާފައިވަނީ ހަކަތައާއި ބެހޭ ވަޒީރު ތޯރިގު އިބްރާހީމެވެ. އެ މިނިސްޓްރީއިން ބުނީ އެ ޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެ މިނިސްޓްރީއިން ބުނީ އެ ޕްރޮގްރާމް ހިންގުމަށް ރޭވިފައިވަނީ ސަރުކާރާއި ޔުޓިލިޓީ ކުންފުނިތަކާއި އަދި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން ކަމަށާއި މިއަދު އިފްތިތާހް ކުރެވިގެން ދަނީ އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވެހި ކަމަށާއި އެ ފިޔަވަހީގައި ސޯލާ ޕީވީ އިން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކުގައި ކަމަށެވެ.
އެ ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެކަން ފާހަގަ ކުރަމުން މިނިސްޓްރީ އިން ބުނީ އެ 3 މެގަވޮޓުގެ ސޯލާޕީވީ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މިއަދު މިވަނީ އެ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އާއްމުކޮށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާއިރު މި ނިޒާމުތައް ގާއިމުކުރެވޭނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ.
މިނިސްޓްރީއިން ބުނީ ސޯލާ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގުއަދާ ކުރުމަކީ އާއްމު ފަރުދުންނަށް ދަތި ކަމެއް ކަމަށާއި މިއަދު އިފްތިތާހްކުރި ޕްރޮގްރާމު ރާވާފައިވަނީ މިފަދަ ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށެވެ. އަދި ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިޔުންނަށް ލިބިގެންދާނެ ގޮތަކަށް ކަމަށެވެ.