ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު ސައުދީއަށް ވަޑައިގަންނަވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

މުއިއްޒު ސައުދީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ސައުދީއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ރާއްޖެއިން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވަނީ އިއުލާންކުރައްވާފައެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާ މަޝްވަރާކޮށްގެން ވިޔަފާރިއާ ގުޅޭޭ ދާއިރާގެ އެއްބަސްވުމެއްގައި ސޮއިކުރަން ސައުދީގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން އާ ހަވާލުކުރަން އެގައުމުން ނިންމާފައިވާ ކަމަށެވެ. ސައީދު ވިދާޅުވީ އެ ކެބިނެޓް ޗެއާކުރެއްވީ ސައުދީގެ ރަސްކެފާނު ސަލްމާން ކަމަށެވެ.

ސައުދީއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ރާއްޖެއިން ނިންމާފައި ވާއިރު އިގްތިސޯދު ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއާގެ ވަފުދަކާ މިމަހު 18 ވަަނަ ދުވަހު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދެ ގައުމުގެ އަހުވަންތަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، މި ސަރުކާރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި ސައުދީ މިނިސްޓަރު ފައިސަލް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިގްތިސޯދީ ދާއިރާ ފަދަ އިގްތިސޯދު ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.