ތިލަމާލެ ބްރިޖުގެ މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން، އެ މަޝްރޫއުގެ ބޮޑުބައެއް ނިމެން ޖެހޭނެ ކަމަށް އޮތް ނަމަވެސް، ނިމިފައި ވަނީ 23 ޕަސެންޓު ކަމަށް، ސަރުކާރުން މިއަދު ބުނެފިއެވެ.

ނިމިދިޔަ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ މުއްދަތާ ގުޅޭ ގޮތުން އެ މަޝްރޫއުގެ މަސައްކަތްތައް ކުރާ އިންޑިއާގެ އެފްކޯންސް ކުންފުނިން އޭރު ބުނީ:

  • މާލެ-ވިލިމާލެ ބްރިޖް މި އަހަރުގެ ޖުލައި ނުވަތަ އޯގަސްޓް ހިސާބުގައި ނިމޭނެ
  • ވިލިމާލެ-ގުޅިފަޅު ބްރިޖް ޑިސެމްބަރުގައި ނިމޭނެ
  • ތިލަފުށްޓާއި ގުޅިފަޅު ގުޅާލައި މުޅި މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުގައި ނިމޭނެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ޕްރެސް ބްރީފިންގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އާންމު ސިޔާސަތުތަކާ ބެހޭ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ، ބްރިޖުގެ 77 ޕަސެންޓު މަސައްކަތް މިހާތަނަށް ނިމިފައި އޮންނަން ޖެހޭނެ ކަމަށާއި، ނަމަވެސް ނިމުނީ 23 ޕަސެންޓުގެ މަސައްކަތް ކަމަށެވެ.

ފިރުޒުލް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިމާވާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި 827 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ކިލޯމީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ ތިލަމާލެ ބްރިޖްގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ގެ އެހީގެ ޕެކޭޖެއް ދީފައިވެއެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓާއި ތިލަ ހިސާބުތަކުގައި، އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

'ދަ ޕްރެސް' އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި އޭރު އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ރައީސް ވަނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއުތައް މެދުކަނޑާނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ހަމަ އެހެންމެ ތިލަމާލެ ބްރިޖު ހެދުމުގެ މަޝްރޫއުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ގަބޫލުފުޅުކުރައްވާ ގޮތުގައި، ރާއްޖޭގެ ތަރައްގީ އަށް ތިލަމާލެ ބްރިޖު ހަދައި ނިމުމުން މާލެއަށާއި މުޅި ރާއްޖެ އަށް ފައިދާކުރާނެއެވެ.

"[ތިލަމާލެ ބްރިޖު] ވަރަށް މުހިންމު، މި ސަރަހައްދު ގްރޭޓާ މާލެ ޑިވެލޮޕްމެންޓު [ގެ ތަރައްގީ އަށް] އަދި މުޅި ރާއްޖެ އަށް ވެސް މުހިންމު، މާލޭން ގޮސް ތިލަފުށްޓާ ހަމައަށް އަދި އޭގެ އެކޮޅަށް ގޮސް ގިރާވަރުފަޅާ ހަމައަށް ގުޅުވާލުމަކީ ރާއްޖެ އަށް ހަމަ ވަރަށް މުހިންމު މަޝްރޫއެއް،" އެމަނިކުފާނު އޭރު ވިދާޅުވިއެވެ.