އިސްލާމީ ގައުމުތަކުގެ ސުލްހަ މަސަލަސްކަމާއި ކުރިއެރުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި، އާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަލް ދޮބެއި އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ވަނީ އިސްލާމީ ގައުމުތަކުގެ ސުލްހަ މަސަލަސްކަމާ ކުރިއެރުމަށް، އޯއައިސީ އާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޔޫސުފް އަލް ދޮބެއި ވަނީ، އޯއައިސީ ގެ އެހެން މެންބަރުންގެ ފަރާތުން ރައިސް ޑރ. މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ގާބިލު ޒައާމަތުގައި ރާއްޖެއަށް އިންގިލާބީ ކުރިއެރުން ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާކަމަށް ޔޫސުފް އަލް ދޮބެއި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި، ޔޫސުފް އަލް ދޮބެއި ވަނީ ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި އޯއައިސީ އިން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އަބަދުވެސް މަސައްކަތްކުރައްވާނީ ރާއްޖޭގެ ސަރުކާރާ ގުޅިގެންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކުރުމަށް ވަކިން ބޮޑަށް ސަމާލުކަންދީގެން، އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އޯއައިސީ އިން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވިއެވެ.