އޮކްޓޯބަރު 7، 2023 ގައި ހަމާސްގެ މުޖާހިދުން އިޒްރޭލަށް ކުއްލި ހަމަލާއެއް ދީ ސިހުން ގެނުވި ހާދިސާގައި އެ ހަމަލާ ދިނީ، އެދުވަހު ކިބޫޒު ކައިރީގައި އޮތް ސުޕަނޯވާ މިއުޒިކް ފެސްޓިވަލަށް އަމާޒު ކޮށް ނޫން ކަަމަށް އިޒްރޭލު ފުލުހުންގެ ތަހުގީގީ ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ބުނީ، ހަމާސްގެ މުޖާހިދުން ހަމަލާ އަމާޒު ކުރީ ކިބޫޒް ރީމް އަށާއި އިޒްރޭލާއި ގާޒާ ބޯޑަރު ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ދުވަހު 4400 މީހުން ބައިވެރިވި މިއުޒިކް ފެސްޓިވަލް އޮތްކަން ހަމާސް އަށް ރެއަކާ ލީ، އެމީހުން މޮޓަރައިޒްޑް ގަލައިޑާ ]ވައިކުޑައެއް] ގައި އިޒްރޭލަށް ފައިބަނިކޮށާއި އެމީހުން އެރުވި ޑްރޯންތަކުގެ ކެމެރާތަކުން ނެގުނު ފޮޓޯތަކުން ކަމަށެވެ. އެއާއެކު ވައިކުޑާގައި ފޭބި ބައެއް މީހުން ހައިވޭއިން، އެ ފެސްޓިވަލް އޮތް ދިމާއަށް ދާން ފެށީ ކަމަށް ވެސް ބުނެފައި ވެއެވެ.
އެހާދިސާގައި 1400 މީހަކު މަރުވި ކަމަށް މީގެ ކުރިން ބުނެ ފަހުން އެއަދަދު 1200 އަށް އިޒްރޭލުން ދަށް ކޮށްފައި ވާ އިރު އެ ރިޕޯޓުގައި ބުނީ، ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އިތުރުން އެދުވަހު އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރުން ހަމައެއް ނެތި ބަޑިޖަހަން ފެށުމުން މުޖާހިދުންގެ އިތުރުން އިޒްރޭލުގެ ރައްޔިތުންވެސް މަރިވެފައި ވާ ކަމަށެވެ. އަދަދުތައް އެހާ މައްޗަށް ދިޔަ ސަބަބަކީވެސް އެއީ ކަމުގައި ރިޕޯޓުގައި ފާހަގަ ކުރިއެވެ.
ހަމާސް އިން އެދުވަހު އިޒްރޭލުގެ ތެރެއަށް ވަދެގަން ގޮތަކީ ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ އިންޓެލިޖަންސް ހިމެނޭ އިޒްރޭލުގެ މޮސާޑު ހައިރާން ކޮށްލި ކަމަކަށް ވާ އިރު އެ ރިޕޯޓުގައި ބުނެފައި ވަނީ، އެދުވަހު އިޒްރޭލުގެ ރާޑަރު ސިސްޓަމްތަކާއި ބިމު އަޑީގެ ސެންސަރުތައް ވެސް ޖޭމް ވި ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، އެ ދުވަހުގެ ހަމަލާއާ ގުޅިގެން އިޒްރޭލުން ދިން ހަމަލާތަކުގައި އިޒްރޭލުގެ އެތަން މިތަނުގައި މަރުވެފައި ތިބި ހަމާސްގެ މުޖާހިދުންނަށް ބަލާއިރު އެމީހުން ތިބީ އެ ފެސްޓިވަލް އޮތް ހިސާބުތަކާ މާ ދުރުދުރުގައި ކަމަށް ވުމުން އެ ދުވަހު އެމީހުންގެ އަމާޒަކީ އެއީ ނޫންކަން ސާފުވާ ކަމަށެވެ. އަދި އެ ދުވަހު އިޒްރޭލުން ހައްޔަރު ކުރި ހަމާސްގެ ބައެއް މެންބަރުންނާ ސުވާލުކޮށް ހިންގި ތަހުގީގުންވެސް ސާފުވަނީ އެ ހަމަލާ ދޭން ރޭވީ ކުބޫޒު ރީމް އާއި ބޯޑަރު ސަރަހައްދަށް ކަމަށެވެ.
އިޒްރޭލުގެ އޮފިޝަލުންނާއި އެމެރިކާއިން ވެސް މީގެ ކުރިން ބުނަމުން ގޮސްފައި ވަނީ އެ ހަމަލާ އަމާޒު ކުރީ ޔަހޫދީންގެ އީދެއް ފާހަގަ ކުރުމަށް އެއްވެ ތިބި ގިނަ އަދަދެއްގެ ބަޔަކު ތިބި ފެސްޓިވަލަށް ކަމަށެވެ. ނަމަވެސް އެ ފެސްޓިވަލް އިންތިޒާމު ކުރި ފަރާތްތަކާ ހަވާލާދީ ރިޕޯޓުގައި ބުނެފައި ވަނީ، އެކަން ރަވާފައި އޮތީ ބުރާސްފައްޗާއި ހުކުރުގައި ބޭއްވުމަށް ކަމަށާއި އޭގެ ތެރެއަށް ހޮނިހިރު ދުވަސް [ހަމަލާ ދިން ދުވަސް] އިތުރު ކުރީ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ހޮނިހިރު ދުވަހު އެ ހަމަލާ އައުމުގެ ކުރިން ފެސްޓިވަލުގައި ބައިވެރިވި ގިނަ ބަޔަކު އަނބުރާ ގޭގެއަށް ދިޔަ ކަމަށް ވެސް ބުނެފައި ވެއެވެ.
"އިޒްރޭލުގެ ހެލިކޮޕްޓަރުން އެ ދުވަހު މުޖާހިދުން މަރަން ބަޑިޖަހަމުން ދިޔައީ، އެ ގޮތަށް ހަމަލާ ދިނުމުގެ ތެރޭގައި ފެސްޓިވަލުން ނިކުމެގެން ދިޔަ އިޒްރޭލުގެ މީހުންގެ ގަޔަށް ވެސް ވަޒަން އަރާ މަރުވި"
އިތުރަށް ބުނެފައި ވަނީ، އެދުވަހު ފެސްޓިވަލަށް ދިން ހަމަލާގައި މަރުވީ 364 މީހުން ކަމަށެވެ. އޭގެ ތެރޭގައި 17 ޕޮލިސް އޮފިސަރުންވެސް ހިމެނޭ ކަމަށެވެ. ދެން މަރުވެފައި ވާ އިތުރު މީހުންނަކީ އެ ދުވަހު ހަމާސްގެ މުޖާހިދުން އިޒްރޭލުގެ އެކި އަވަށްތަކަށް ވަދެގަނެ ބަޑިން ހަމަލާ ދިނުމުގެ ސަބަބުން މަރުވި މީހުންނެވެ.
މި ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ޖެހިގެން އައި ދުވަހު ގާޒާއަށް ހަމަލާ ދޭން ފަށާ، މިވީ 45 ދުވަހުގެ ތެރޭގައި 12000 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 5000 ކުޑަކުދިން ހިމެނެއެވެ.