މިހާރު އިންޑިއާގައި ކުރިއަށް ގެންދާ ކްރިކެޓް ވޯލްޑް ކަޕް މެޗެއް ބަލައިލުމަށް ކުރީގެ އިނގިރޭސިވިލާތުގެ މަޝްހޫރު ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރި ދަތުރު ވަރަށް ހާއްސަކަމަށް އޭނާ ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ 50 ވަނަ އޯޑީއައި ސެންޗަރީ ހެދި މެޗު ބަލައިލަން ބެކަމް ދިޔައިރު އެ މެޗު ބެކަމް ބަލަން އިނީ އިންޑިއާގެ މަޝްހޫރު ތަރިންނާއެކުގައެވެ. އެގޮތުން ބެކަމްގެ ގާތުގައި އިނީ ކުޅަދާނަ ބަތަލާ ކިއާރާ އަދުވާނީ އާއި އޭނާގެ ފިރިމީހާ މަޝްހޫރު އެކްޓަރު ސިދާތު މަލްހަތްރާއެވެ. އެ މެޗު ބަލަން މަޝްހޫރު ސެލެބްރިޓީން ދިޔައިރު އޭގެ ތެރޭގައި ވިކީ ކޯޝަލް، ސަނީ ކޯޝަލް، އަނުޝްކާ ޝަރްމާ އަދި ރަންބީރު ކަޕޫރު ހިމެނެއެވެ.

މެޗަށްފަހު ބަތަލާ ސޯނަމް ކަޕޫރު ވަނީ އޭނާގެ ބައްޕަ އަނިލް ކަޕޫރުގެ ގޭގައި ބެކަމް އަށް ހާއްސަކޮށް ރޭގަނޑުގެ ކެއުމަށް ބާއްވާފައެވެ. އެ ކެއުމުގައި ބޮލީވުޑްގެ މަޝްހޫރު އެތައް ފަންނާނުންނެއް ބައިވެރިވިއެވެ. އޭގެ އިތުރުން ބޮލީވުޑްގެ ލެޖެންޑަރީ ތަރި ޝާހްރުކް ހާން ވެސް ވަނީ ބެކަމަށް ހާއްސަ ކޮށްގެން ކެެއުމެއް އޭނާގެ ގޭގައި ބާއްވާފައެވެ. އެ ކެއުމުގައި ބައިވެރިވީ އޭނާގެ އަނބިމީހާ އާއި ދަރިންނެވެ.

ބެކަމް ވަނީ ސޯނަމް އާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ އަށާއި ޝާހްރުކް އަށް ޝުކުރު އަދާކޮށް އިންސްޓަގްރާމުގައި ޕޯސްޓެއް ވެސްކޮށްފައެވެ. މަޝްހޫރު ފުޓްބޯޅަތަރި ލިއަނޮލް މެސީ ކުޅޭ ޓީމް އިންޓަ މިއާމީގެ ރައީސް ޑޭވިޑް ބެކަމް ކުރި ޕޯސްޓުގައި ބުނީ ޝާހްރުކް ހާން އާއެކު ކެއުމެއް އިންސާފު ކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާގެ އަންހެނުން ގޯރީ ހާން އަށާއި ކުދިން ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. ބެކަމް ބުނީ އޭނާގެ އާއިލާ އަބަދުވެސް އޮންނާނީ ޝާހްރުކްގެ އާއިލާ އަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށެވެ. އޭގެއިތުރުން ބެކަމް ވަނީ ސޯނަމް އާއި އޭނާގެ ފިރިމީހާ އަހޫޖާ އަށް ޝުކުރު އަދާކޮށްފައެވެ. އަހޫޖާ އާއި ސޯނަމް ހޯސްޓް ކުރި ކެއުމާ ގުޅޭގޮތުން ބެކަމް ބުނީ ދިން ދައުވަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އަވަސް މުސްތަގްބަލެއްގައި ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ބެކަމް ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އިންޑިއާ ކެއުން ވަރަށް ކަމުދާ ކަމަށް ބުނެފައެވެ.

"އަހަރެން އިންޑިއާ އަށް ކުރި މި ފުރަތަމަ ދަތުރު ނިންމާލުން މިވީ ވަރަށް ހާއްސަ ކަމަކަށް. އެކުވެރިޔާ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޝާހްރުކް ހާންއަށް ނިސްބަތްކޮށް ބެކަމް ބުންޏެވެ.