ހުސްވެފައިވާ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް ތިން މެންބަރަކު ކުރިމަތިލައްވައިފިއެވެ.
އެމްޑީޕީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދު އިރުއޮއްސި 6 ޖެހުމުގެ ނިޔަލަށެވެ.
އެ ވަގުތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވަނީ:
- އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް
- ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
އެމްޑީޕީއިން ބުނީ ކެންޑިޑޭޓް ނަންބަރުގެ ތަރުތީބަކީވެސް އެއީ ކަމަށާއި އެ އިންތިހާބު ކުރިއަށްދާނީ މި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 އިން ހަވީރު 4 ޖެހުމުގެ ނިޔަލަށް އެމްޑީޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އެ މަގާމުގައި ކުރިން ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެހެންނަމަވެސް އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަސްލަމް މިހާރު ހުންނެވީ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.
މަޖިލީހުގެ ރައީސްކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އާ ރައީސެއް ހޮވުމަށްޓަކައި ބޭއްވި ޖަލްސާގައި ޑިމޮކްރެޓުންގެ ޕީޖީ ލީޑަރު އާޒިމާ ވާދަކުރައްވައި އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ 30 ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އަސްލަމް އިންތިހާބުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ދައުރު ހަމަވުމުން އެ މަގާމަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައެވެ.