ދުނިޔޭގައި ހަގީގީ ލޯތްބަކީ ފުދޭވަރަކަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ. ދެމީހަކު ކައިވެނިކޮށް ލޯބިން އުޅުމަށްފަހު ވަރިވާ މަންޒަރަކީ މިއަދު ގިނައިން ފެންނަ މަންޒަރެކެވެ. ނަމަވެސް މިހުރިހާ ކަމެއް ހިތުން ފޮހެވިގެންދަނީ ހަގީގީ ލޯތްބަކީ ކޮބައިކަން ބަހާއި އަމަލުން ދައްކުވައިދޭ މަދު ބަޔަކު އުޅޭތީއެވެ. އެފަދަ އެއް ޖޯޑަކީ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީއެވެ. މި ގުޅުމަކީ އާދަޔާ ހިލާފަށް ބާރުގަދަ ގުޅުމެއްކަން ގިނަ ބަޔަކަށް އެނގެއެވެ. ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އަނުޝްކާ (35އ)، އާއި އިންޑިއާގެ ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް (35އ)، ގެ ލޯބީގެ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. ހާއްސަކޮށް ނިމިގެންދިޔަ އިންޑިއާ، ނިއުޒިލޭންޑް ބައްދަލުކުރި މެޗުގައި ވިރާޓް 50 ވަނަ އޯޑީއައި ސެންޗަރީ ހަމަކުރުމާއެކު އެ ކާމިޔާބު ފާހަގަ ކުރުމަށް ވިރާޓް އޭނާގެ އަންހެނުން އަނުޝްކާ އަށް "ފްލައިން ކިސް" އެއް ދޭ މަންޒަރު ވަނީ އާންމުވެފައެވެ. އެ ހިސާބުން ދެމީހުންގެ ފޭނުންވެގެން ދެތަރިންގެ އެޑިޓްސް ހަދާ ސޯޝަލް މީޑިއާގައި އަޕްލޯޑު ކުރަމުން ދިޔައެވެ. ހަގީގަތުގައިވެސް އަނުޝްކާ އާއި ވިރާޓްގެ ލޯބީގެ ވާހަކައަކީ ތަފާތު ވާހަކައެކެވެ. ފޭނުން މިދެތަރިންނަށް ކިޔާ އުޅެނީ ވިރުޝްކާއެވެ. އެއީ ވިރާޓްގެ ނަމާއި އަނުޝްކާގެ ނަން އެއްކޮށްލުމަށް ފަހުއެވެ.
ދެމީހުންގެ ދިމާވުންވެސް ތަފާތު!
ބަތަލާ އަނުޝްކާ އާއި ވިރާޓް އެންމެ ފުރަތަމަ ބައްދަލީ ޓީވީ ކޮމާޝަލް އެއްގެ ސެޓުންނެވެ. ޝޭމްޕޫ ކްލިއާ ގެ އިޝްތިހާރެއް ކުޅުމަށް މިދެތަރިން ނަގާފައިވާއިރު ޝޭމްޕޫ އިޝްތިހާރު ކުޅުމަށް އެމީހުންނަށް ދީފައިވާ ވަގުތަށް ސެޓަށް ދިޔައެވެ. ދެމީހުން ދިމާވެ ދެމީހުންގެ ވެސް ވައިބް ވަރަށް ދިމާވި ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ދެމީހުންގެ ގުޅުމަކީ "ލަވް އެޓް ފަސްޓް ސައިޓް" އެއް ނޫނެވެ. ނަމަވެސް ފުރަތަމަ ފެނިލުމުން ވެސް ދެމީހުން އެކަކު އަނެކަކަށް ކަމުދިޔައީ ދެމީހުންގެ ވައިބް ދިމާވާތީއެވެ. އެއީ 2013 ވަނަ އަހަރެވެ.
"އޭރު ދާން އޮތް ޓުއާއެއްގައި ކެޕްޓަންކަން ދިނީ އަހަރެންނަށް. އެކަން އިއުލާން ކުރުމަށް ފަހު މެނޭޖަރު ގުޅާފައި ދެއްކި ކޮންމެވެސް ޓީވީ ކޮމާޝަލްއެއްގެ ވާހަކަ. އޭނަ ބުނި އިޝްތިހާރު ކުޅެންޖެހެނީ އަނުޝްކާ އާއެކު ކަމަށް،"
ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ބުނީ އަނުޝްކާގެ ނަން އަޑުއިވުމާއެކު ވެސް ޖެހިލުންވެ ތުރުތުރު އަޅަން ފެށިކަމަށާއި މަޝްހޫރު ސެލެބްރިޓީ އަކާއެކު އިޝްތިހާރެއް ކުޅެން ފުރުސަތު ލިބުމުން އެގޮތަށް ކަންތައް ދިމާވީ ކަމަށެވެ. ސެޓަށް ދާން ވަގުތު ކައިރިވާ ވަރަކަށް ހާސްވެ ކަންބޮޑުވަމުން ދިޔަ ކަމަށާއި ވިސްނީ އޭނާ ކުރިމައްޗަށް އެރުމަށްފަހު "ހެލޯ" އޭ ބުނާނެ ގޮތަކާ މެދު ކަމަށެވެ. އަނުޝްކާ އަށް އެތަނަށް ދެވުމުގެ ފަސް މިނެޓް ކުރިން އެތާ ހުރިކަމަށްވެސް ވިރާޓް ބުންޏެވެ.
އެ ކޮމާޝަލް އަށްފަހު ދެމީހުން އެކުއެކީ ބޭރުތެރެއިން ގިނަ ގިނައިން ފެންނަން ފެށިއެވެ. އަދި 2014 ވަނަ އަހަރު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރިއެވެ. 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕޫނޭގައި ބޭއްވި އިންޑިއަން ސުޕަލީގު ފުޓްބޯޅަ މެޗު ވެގެން ދިޔައީ ދެތަރިން އެއްކޮށް އާންމުން އެއްވެ އުޅޭ ތަނަކުން ފެނުނު ފުރަތަމަ ތަނަށެވެ. ދެމީހުން އެއްކޮށް ވަގުތު ހޭދަކުރުމާއި ދެމީހުންގެ ވަޒީފާއަދާ ކުރާ ތަނަށްވެސް އެކަކު އަނެކަކު ގޮސް ހަދާ އުޅުން އޭރު އާންމުވިއެވެ. އަދި އިންޑިއާގައި ފާހަގަ ކުރާ ދުވަސްތައް ވެސް ދެމީހުން އެއްކޮށް ފާހަގަކުރަން ފެށިއެވެ. ވިރާޓް ޓުއާ ތަކަށް ދާއިރު ބައެއް ޓުއާތަކުގައި އަނުޝްކާވެސް ބައިވެރިވާއިރު، އަނުޝްކާ ކުޅޭ ފިލްމުގެ ސެޓަށް ވެސް ބައެއް ފަހަރު ވިރާޓް ގޮސް ސަޕްރައިޒް ކޮށްލައެވެ.
ވިރާޓް ކުޅޭ މެޗުތައް ބަލަން އަނުޝްކާ އޭރު ވެސް ދިޔައިރު ގިނަ ބަޔަކު ބުނަމުން ދިޔައީ ދެމީހުންގެ ލޯތްބަކީ ލާމަސީލު ލޯތްބެއް ކަމަށެވެ. ނަމަވެސް އެދުވަސްވަރު ވިރާޓުގެ ކުޅުން ކުޑަކޮށް ދަށް ވުމުގެ ސަބަބުން އެކަމުގެ ޒިންމާ އޭނާގެ ފޭނުން އަނުޝްކާގެ ބޮލުގައި ވެސް އެޅުވިއެވެ. އަނުޝްކާ އާ ދިމާއަށް ސޯޝަލް މީޑިއާގައި ހަޑިހުތުރު ބަހުން ވާހަކަދައްކާ ހެދިއިރު އޭނާގެ ދިފާއުގައި ނުކުތީ ލޯބިވެރިޔާއެވެ. އޭނާ ބުނީ ހަޔާތުގައި ދުވަހަކުވެސް އަނުޝްކާގެ ފަރާތުން ނެގަޓިވިޓީއެއް ނުފެންނަ ކަމަށާއި އަނުޝްކާ އަބަދުވެސް މަސައްކަތް ކުރަނީ ކުރިއަރުވަން ކަމަށެވެ.
ބްރޭކްއަޕް
އެ މައްސަލަގަނޑުގައި ދެމީހުން ދެމެދުގައި ވެސް ކޫސަނި މައްސަލަތައް އުފެދެން ފެށިއެވެ. ސޯޝަލް މީިޑިއާގައި އަނުޝްކާ ޓްރޯލްކުރުން ހުއްޓުވައެއް ނުލެވުނެވެ. އެ ހިސާބުން ވިރާޓް، އަނުޝްކާ ފިލްމު ކުޅޭތީ ނުރުހުންފާޅުކުރިއެވެ. ދިރިއުޅުމެއް ފަށަން ވިރާޓް ބޭނުންވެފައި ހުރިއިރު އަނުޝްކާ އެދުވަސްވަރު ބޭނުންވީ އޭނާގެ ކެރިއަރަށް ފޯކަސް ކުރުމަށެވެ. ފިލްމު އިންޑަސްޓްރީގައި އަނުޝްކާ މަސައްކަތް ކުރަން ބޭނުންނުވާ ވާހަކަ ވިރާޓް ބުނުމުން އަނުޝްކާ އޭނާގެ ވާހަކަތަކަށް ބީރުކަންފަތެއް ދިނެވެ. އެންމެފަހުން މައްސަލަގަނޑު ބޮޑުވެ ދެމީހުން ވަކިވީ 2016 ވަނަ އަހަރުގައެވެ. އަނުޝްކާ އާއި ވިރާޓް ވެސް އެކަކު އަނެކަކު އިންސްޓަގްރާމުން އަންފޮލޯވެސް ކުރިއެވެ. ދެމީހުން ރުޅިވުމުން ދެމީހުންނަށް އިހުސާސްވީ އެކަކު އަނެކަކާ ނުލައި ދެމީހުންނަށް ނޫޅެވޭނެ ކަމަށެވެ. އަނެއްކާވެސް ދެމީހުން ވާހަކަ ދައްކައިގެން އަލުން ގުޅުނެވެ.
އޭގެފަހުން ވެސް ވިރާޓް ކުޅޭ ކޮންމެ މެޗަކަށް އަނުޝްކާ ދެއެވެ. މެޗުތަކުގައި މޮޅުވުމުން ވިރާޓް އަނުޝްކާ އަށްދޭ "ފްލައިން ކިސް" އަކީ މިއަދު ވެސް މަޝްހޫރު އެއްޗެކެވެ. ދެތަރިންގެ އެނބުރި އައުން މާ ވަރުގަދަ ވެގެން ދިޔައީއެވެ.
ފެއާރީޓޭލް ވެޑިން
ދެމީހުން ރަށްޓެހިވެގެން ކައިވެނިނުކޮށް އުޅެން ބޭނުން ނުވުމާއި ދެމީހުން ދެން ވެސް ވަކިނުވާން ބޭނުންވުމުން ދެތަރިންވެސް ކައިވެނިކުރަން ނިންމިއެވެ. އަދި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު 11 ވަނަ ދުވަހު ކައިވެނިކުރިއެވެ. ހުރިހާ އަންހެން ކުދިންގެ ވެސް ހުވަފެނަކަށް ވާނީ އެ މީހެއްގެ ކައިވެނި ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވާށެވެ. އެ ހުވަފެން އަނުޝްކާ ވެސް ހާސިލްކުރިއެވެ. ބޮޑު ކައިވެނި ހަފްލާ އެއް ބޭއްވިއިރު އެ ކައިވެނި ހަފްލާ އަކީ ބޮލީވުޑް ސެލެބްރިޓީސް ގެ ކައިވެނިތަކުން މިއަދުވެސް އެންމެ ގިނަ ބަޔަކަށް ކަމުދާ ކައިވެނި ހަފްލާއެކެވެ. އެ ހަފްލާގެ ޑެކަރޭޝަންތަކާއި ވިރާޓް އާއި އަނުޝްކާގެ ލެހެންގާގެ ކުލަތަކާއި ލެހެންގާ ހަފްލާ އާ ގުޅުވާލާފައިވާ މިންވަރުން ގިނަ ބަޔަކަށް މި ކައިވެނި ހަފްލާ ކަމުދަނީއެވެ. އާއިލާ އާއި ގާތް އެކުވެރިން އެކަނި ކައިވެނިކުރި މަޖިލީހުގައި ބައިވެރިކުރިއިރު ކައިވެންޏަށްފަހު ވިރާޓް އާއި އަނުޝްކާ ވަނީ މުމްބާއީ އަދި ދިއްލީގައި ކްރިކެޓް ކުޅުންތެރިންނަށާއި ފިލްމީތަރިންނަށް ދައުވަތު ދީގެން ޕާޓީ ބާއްވާފައެވެ.
މަންމައަކަށްވުން
2019 ވަނަ އަހަރު އަނުޝްކާ އަލަތު ދަރިފުޅަށް ބަލިވެއިނެވެ. ކުޑަކުޑަ ބަނޑާއެކު ވިރާޓްއާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކުރަމުން ދެމީހުންވެސް ބުނީ ދަރިފުޅު 2021 ޖަނަވަރީ މަހު އުފަންވާނެ ކަމަށެވެ. އެއާއެކު ދެތަރިންނަށްވެސް ސަޕޯޓްކުރާ އެތައް ބަޔަކު ދެމީހުންނަށް މަރުހަބާ ކިޔެވެ. ޖެނުއަރީ 11، 2021ގައި އަލަތު ދަރިފުޅަށް ދެމީހުންވެސް މަރުހަބާ ކިއެވެ. ދެމީހުންނަށްވެސް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކީ ވަމިކާ ވިރާޓް އެވެ. މަންމައަކަށް ވުމަށް ފަހު އަނުޝްކާ އެންމެ އިސްކަމެއް ދިނީ ގޭގައި ދަރިފުޅާއެކު ވަގުތު ހޭދަ ކުރުމަށެވެ. ފިލްމީ މަސައްކަތުން ކުޑަކޮށް ދުރުވެ ދަރިފުޅަށް ދޭންޖެހޭ ސަމާލުކަން ދިނުމަށެވެ. މަދުމަދުން މިހާރު ފިލްމުތަކުން ފެންނަ އަނުޝްކާ ބުނީ ފިލްމީ މަސައްކަތުން ދުރުނުވާ ކަމަށާއި ފިލްމެއް ކުޅެން ލިބޭއިރު އޭނާގެ ވަގުތާ އެންމެ އެކަށީގެންވާ ފިލްމެއް ކުޅެން ތައްޔާރަށް ހުންނަ ކަމަށެވެ.
ވިރާޓް އާއި އަނުޝްކާ އަށް ދެވަނަ ދަރިއަކު ލިބެނީ؟
މިދިޔަ މަހުން ފެށިގެން ދެތަރިންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. މި ދުވަސްވަރު ވެގެން ދިޔައީ އަނުޝްކާ އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުނިކުންނަ ދުވަސްވަރަކަށެވެ. ރިޕޯޓްތައް ބުނީ ޕަޕަރާޒީންގެ ލޯމައްޗަށް އަނުޝްކާ ފިލައިގެން އުޅެނީ އޭނާ ބަނޑުބޮޑު ކަމުން ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ވިރާޓް ކުޅޭ މެޗުތައް ބަލަން އަނުޝްކާ ދާތީ އެ ވާހަކަތަކަށް މެދުކެނޑުމެއް އައެވެ. ނަމަވެސް އަނުޝްކާ ލާ ހެދުންތައް ދޫވެފައި އަބަދު ބަނޑު ފޮރުވަން މަސައްކަތް ކުރާތީ އެ ވާހަކަ އަނެއްކާވެސް ދެކެވެން ވަނީ ފަށާފައެވެ. ނަމަވެސް މިދެތަރިން ކުރެ އެކަކުވެސް އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ވިރާޓު އާ ގުޅޭގޮތުން އަނުޝްކާ ބުނީ އޭނާ އަކީ ހަޔާތުގައި މީހަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަށް ކަމަށާއި ދިރިއުޅުމަށް ވިރާޓް ކަހަލަ މީހެއް އައުމުން ޝުކުރުވެރި ވާކަމަށެވެ. ވިރާޓް އަކީ އަބަދުވެސް ކުދި ކުދިން ކަންތައްތައް ހަނދާން ހުންނަ މީހެއް ކަމަށާއި ދެމީހުން ޑޭޓްކުރި އިރުވެސް އެކަން ފާހަގަވި ކަމަށެވެ. ވިރާޓް ބުނީ އަނުޝްކާ އަކީ އޭނާއަށް ލިބުނު ބޮޑު ޖަވާހިރެއް ކަމަށާއި އޭނާ ދެކެ ވާ ލޯބި ބަޔާންކޮށްދޭން ވެސް އުނދަގޫ ކަމަށެވެ. އަދި އަނުޝްކާ އާ ދިމާވިއިރުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާގެ ހަޔާތް ބޮޑުތަނުން އުޖާލާވެފައިވާ ކަމަށެވެ.