މިއަދު ޑިޒްނީ ޕްލަސް ހޮޓްސްޓާ ގައި ރިލީޒް ކުރި ބަތަލާ ތާރާ ސުތާރިއާ ގެ ފިލްމު "އަޕުރްވާ" އަކީ ނޭވާ ހިފަހައްޓާލަންޖެހޭ އެތައް ވާހަކަތަކެއް ހިމެނޭ ފިލްމެކެވެ. މި ފިލްމު އޯޓީޓީ ޕްލެޓްފޯމް ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ޕްރިމިއަ ކުރުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފިލްމަށް ހުއްޓިފައެވެ. ބޮޑު ސްކްރީންގައި ފިލްމު ރިލީޒް ނުކުރިނަމަވެސް، ތާރާ ސުތާރިއާ ގެ ހުނަރާއެކު، އަބީޝެކް ބެނާޖީ ގެ މޮޅު އެކްޓުގެ ސަބަބުން މި ފިލްމަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު އޮހެމުންނެެވެ.

މި ފިލްމުގައި ފެނިގެން ދަނީ މަގުފޭރޭ ހަތަރު މީހުންގެ ގުރޫޕަކުން ފައިސާއަށްޓަކައި ކުރާ މަސައްކަތެވެ. ފިލްމު ފެށިގެން ދާއިރު ފެނިގެން ދަނީ ތިން މީހުންގެ ގުރޫޕަކުން ކާރެއްގައި ދަތުރުކުރަމުން ދަނިކޮށް މަގުފޭރޭ މި ގުރޫޕުން އެމީހުން ހުއްޓުވާ ހަމަލާ ދިނުމަށްފަހު އެމީހުންގެ ފައިސާ އާއި ގަހަނާތައް ހިފައިގެން ދާތަނެވެ.

https://youtu.be/YtVH3qz_XUA

މި ފިލްމުގައި ސާދާ ދިރިއުޅުމެއް އުޅެމުން ދިޔަ ތާރާ (އަޕުރްވާ) އޭނަގެ ފިރިމީހާގެ އުފަން ދުވަހު ސަޕްރައިޒެއް ދިނުމަށްޓަކައި އާގަރާއިން ދަތުރު ފަށާއިރު މަގުފޭރޭ ގުރޫޕުން ތައްޔާރުވަމުން ދިޔައީ މި ބަސް 'ލޫޓު' ވުމަށެވެ. އަބީޝެކް ބެނާޖީ (ސުހީ) އާއި އޭނާގެ ގުރޫޕުން ބަހަށް ހަމަލާދީ ފޭރިގަންނައިރު އެމީހުން ތަރާވެސް ރަހީނުކޮށްގެން ގެންދެއެވެ. އެމީހުންގެ ކިބައިން ސަލާމަތްވުމަށް ތާރާ ގިނަ މަސައްކަތެއް ކުރާ މަންޒަރު މި ފިލްމުގައި ފެނިގެން ދާއިރު އޭނާގެ ހަޔާތުގެ އުފާވެރި ހަނދާންތަކާ، ފިރިމީހާ ސިޑް އާއި އެކު ހޭދަކޮށްފައިވާ ދުވަސްތައް ހަނދާންވެ އިތުރު ހިތްދަތިކަމެއް ލިބިގެން ދެއެވެ.

ތާރާގެ މަންޒަރުތައް ރިކޯޑްކޮށް އޭގެއިންވެސް ފައިދާ އެއް ހޯދުމަށް މި ގުރޫޕުން މަސައްކަތްކުރާއިރު ތާރާގެ ފިރިމީހާ އޭނާގެ ހަބަރެއް ނުވެގެން ފުލުހުންގެ އެހީ ހޯދުމަށް މަސައްކަތްކުރެއެވެ. އެހެންނަމަވެސް ފުލުހުންގެ މަސައްކަތުންވެސް ތާރާގެ އެއްވެސް ހަބަރެއް ނުހޯދުނު އިރު، އަމިއްލަ ހިތްވަރާ މިންނަތުން ތާރާ އެ ނުލަފާ މީހުންގެ ކިބައިން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ނޭވާ ހިފަހައްޓާލަން ޖެހޭ ކިތަންމެ މަންޒަރެއް މި ފިލްމުގައި ފެނިގެން ދެއެވެ.