ޝޫޓިންގެ ތެރެއިން ޝޮޓެއް ނަގަން ތައްޔާރުވަމުން ދަނިކޮށް ފޭނަކު އައިސް ސެލްފީއެއް ނަގަން އުޅުމުން އެކްޓަރު ނާނާ ޕަޓޭކަރު އޭނާގެ ބޮލުގައި އެތިފަހަރެއް ޖަހާ މަންޒަރުގެ ވީޑިއޯ އެއް ދާދިފަހުން ވަނީ ވައިރަލް ވެފައެވެ. އެ ވީޑިއޯއިން ފެންނަނީ މަންޒަރު ނަގަން ތައްޔާރުވެފައި ވަނިކޮށް ފޭނަކު ގޮސް ފޯނު ނަގާ ސެލްފީ އެއް ނަގަން އުޅުމުން ބޮލުގެ ފުށްކިބައިގައި ނާނާ ޕަޓޭކަރު ޖަހާތަނެވެ. އޭނާ ޖެހުމުން އެތަނުން އެ މީހާ ވަނީ ގޮސްފައެވެ.
އެ ވީޑިއޯ ވައިރަލް ވުމާއެކު ޕަޓޭކަރަށް ގިނަ ބަޔަކު ފާޑުކިޔަމުން ދިޔައިރު މީހުން ބުނީ އެކްޓަރެއްގެ ހަޔާތުގައި ކާމިޔާބާއި ނާކާމިޔާބީގެ ފަހަތުގައި ވެސް ފޭނުން ތިބޭނެ ކަމަށެވެ. އެހެން އެކަން އޮންނައިރު ފޭނަކާ ދޭތެރޭ އެފަދަ ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ވަނީ ޕަޓޭކަރު އަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. އެއާއެކު އެކްޓަރު ވަނީ ކަމުގެ ހަގީގަތް އޮޅުންފިލުވައި ދިނުމަށް އިންސްޓަގްރާމްގައި ވީޑިއޯ އެއް ޕޯސްޓް ކޮށްފައެވެ.
އެ ވީޑިއޯގައި ޕަޓޭކަރު ބުނީ ޝޫޓް ނަގަން ރެޑީކޮށްފައި އޮތް ސީނަކީ މީހަކު އައިސް އޭނާ އާ ބޭއަދަބީ ބަހުން ވާހަކަދައްކަން އުޅޭ ސީނެއް ކަމަށާއި އެކަން ކުރުވިޔަ ނުދޭން ބޮލުގައި އެތިފަހަރެއް ޖަހާ ސީން ކަމަށެވެ. ޝޮޓު ނަގަން ތައްޔާރުވެފައި ވަނިކޮށް "ފޭން" އައުމުން ހީކުރި ސީންގެ މަންޒަރު ފެށުނީ ކަމަށާއި ފިލްމުގެ ޝޮޓާއެއްގޮތަށް އަމަލުކުރީ ކަމަށެވެ. ނަމަވެސް ފަހުން އެނގުނީ އޭރު ނެގީ ފިލްމުގެ މަންޒަރު ނޫންކަމަށާއި ހަގީގަތުގައި ޖެހުނީ ފޭނެއްގެ ބޮލުގައި ކަމަށެވެ. ފަހުން އެކަން އެނގުމުން އޭނާ ހޯދަން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެހިސާބުގަނޑުންވެސް އޭނާ ނުފެނުނު ކަމަށެވެ.
"އަސްލު އަހަރެންނަށް ވެސް ނޭނގުނީ ދޯ. ބޮޑު އޮޅުމެއް މިއީ. އަހަރެން މިއީ ދުވަހަކުވެސް މީހުންގެ ގައިގައި ޖަހަމުން ދުވާ މީހެއް ނޫން. އަސްލުގައިވެސް ހީކުރީ ފިލްމުގެ ޝޮޓު ނަގަނީ ކަމަށް. ނަމަވެސް ޖެހުނީ ފޭނެއްގެ ބޮލުގައި. އެކަމަށްޓަކައި ވަރަށް ބޮޑަށް މައާފަށް އެދެން،"
ޑައިރެކްޓަރު އަނިލް ޝަރުމާގެ ފިލްމު "ޖާނީ" ގެ ސެޓްގައި މި ހާދިސާ ހިނގިިއިރު މި ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ތާވަލް ކޮށްފައިވާ ފިލްމެކެވެ.