ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.
ސޯލިހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޑރ. މުހައްމަދު މުއިއްޒަށް އިހްލާސްތެރި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ވެރިކަމުގެ މި ފެށޭ ދައުރުގައި މުއިއްޒު އަށް ކާމިޔާބީއަށް އެދިފައެވެ.
މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާގައި މުއިއްޒު ހުވާ ކުރައްވާފައިވާއިރު ހުވާ ލާ ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނެވެ.
މި ހާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ބޭރު ގައުމުތަކުގެ މަންދޫބުންނާއި އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރވަޑައިގެންފައި ނުވެއެވެ. އެމަނިކުފާނު ބައިވެރިވަޑައިގެންފައި ނުވަނީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރައްވަމުން ގެންދިއުމުގެ ސަބަބުން ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑު އަގުލަބިއްޔަތަކުން މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. މުއިއްޒު ރައީސް ކަމަށް ވަޑައިގަތް އިރު ހުންނެވީ މާލެ މޭޔަރު ކަމުގެ މަގާމުގައެވެ. ނަމަވެސް އެމަނިކުފާނު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންގޮސްފައިވާއިރު، ރައީސް ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ ގަލޮޅު ދަނޑުގައެވެ.