ހުސްވެފައިވާ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެމްޑީޕީއިން ބުނީ އެ ޕާޓީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީއިން ބުނެއެވެ.

އެމްޑީޕީއިން ވަނީ އެ އިންތިހާބުގައި ބައިވެރިވާން ބޭނުން އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ މެމްބަރުން މި ފޯމު ފުރިހަމަކުރުމަށް އެދިފައެވެ.

އެ މަގާމުގައި ކުރިން ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެހެންނަމަވެސް އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަސްލަމް މިހާރު ހުންނެވީ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.

މަޖިލީހުގެ ރައީސްކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އާ ރައީސެއް ހޮވުމަށްޓަކައި ބޭއްވި ޖަލްސާގައި ޑިމޮކްރެޓުންގެ ޕީޖީ ލީޑަރު އާޒިމާ ވާދަކުރައްވައި އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ 30 ވޯޓުގެ ތަފާތުންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އަސްލަމް އިންތިހާބުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ދައުރު ހަމަވުމުން އެ މަގާމަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައެވެ.