ޝީލާ ނަޖީބަކީ އޭރުވެސް އަދި މިހާރުވެސް ދިވެހި ފިލްމު އިންޑަސްޓްރީގައި ނަން ވިދާ ބަތަލާއެކެވެ. މިއުޒިކް ވީޑިއޯ އަކުން ފިލްމީ ދާއިރާ އަށް ރާޅުބިންދާލި ޝީލާ އެކްޓިންނެއް އެންމެ ފުރަތަމަ ފެނިގެންދިޔައީ ޓީވީއެމްގެ ޑްރާމާ "ދޯބަށްޓާ" އިންނެވެ. ހަމަ އެއަހަރު "ހިތް ހަލާކު" ގައި ޝީލާ ރޯލެއް ކުޅުނުއިރު އާންމުންނަށް ޝީލާ ބޮޑަށް އެނގެން ފެށީ "ހިތް އެދެނީ" ގައި އޭނާ ކުޅުނު ރޯލުންނެވެ. އެ ފިލްމަކީ ބޮލީވުޑް ފިލްމު "ދަޅްކަން" ގެ ދިވެހި ރީމޭކެކެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ މިހާރު 23 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޝީލާ ވަނީ އޭނާގެ ކެރިއަރުގައި ތަފާތު ރޯލުތަކެއް ކުޅެ ބެލުންތެރިންނަށް އޭނާގެ އެކްޓިންގެ ހުނަރު ދައްކާލާފައެވެ. މި ލިޔުމުގައި ހިމަނާލާނީ ނިއުމާގެ ބައެއް ފިލްމުތަކާއި ޑްރާމާތަކުގެ ވާހަކައެވެ.

  • ޒުލޭހާ (2005)

މި ފިލްމަކީ މިއަދުވެސް ގިނަ ދިވެހިންނަށް ކަމުދާ އަސަރުގަދަ ރީތި ފިލްމެކެވެ. ފިލްމުގައި ޝީލާ ކުޅެނީ އަމިއްލަ ދަރިފުޅާ މެދު ވަރަށް ނާއިންސާފުން ކަންތައްކުރާ މަންމަ އެއްގެ ރޯލެވެ. ދަރިފުޅު އާދޭސްކުރާ ވަރުން ދަރިފުޅުގެ ބައްޕަ، މަންމަ ގާތަށް ލުމުންވެސް ދަރިފުޅާމެދު އިހާނެތިކޮށް ކަންތައް ކުރާ މަންޒަރު ފިލްމުން ފެނިގެންދިޔައެވެ. ފިލްމުގައި ޝީލާ އާއެކު ހަރަކާތްތެރިވީ ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަމް ނިޝާ އަދި އަލީ ސީޒަން އެވެ.

  • ޔޫސުފް (2008)

ފިލްމުގައި ޝީލާ ސަޕޯޓިން އެކްޓްރެސްއެއްގެ ރޯލު ކުޅުނު ނަމަވެސް މި ފިލްމަކީ ޝީލާގެ ކެރިއަރުގައި ވަރަށް ހާއްސަ ފިލްމެކެވެ. މި ފިލްމަކީ ފާތިމަތު ނަހުލާގެ ޑައިރެކްޝަނަކަށް ޔޫއްޕެ އާއި ނިއުމާ މުހައްމަދު ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމުގައި ޝީލާ ކުޅުނު މަރީ ކެރެކްޓާއަށް މޯލްޑިވްސް ފިލްމު އެވޯޑް ހަފްލާގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ރޯލު ލިބުމެވެ.

  • ހެޔޮނުވާނެ (2010)

މި ފިލްމަކީ ޝީލާގެ އެންމެ ތަފާތު އެއް ފިލްމެވެ. ޔޫއްޕެ ޑައިރެކްޓްކުރި މި ފިލްމުގައި ޝީލާ ކުޅުނީ މުނާ ކިޔާ ކެރެކްޓާއެއްގެ ރޯލެވެ. މި ފިލްމުގައި އޭނާ އަކީ "މޮޔަ" މީހެކެވެ. އެހެން މީހެއްގެ ދަރިއަކަށް ބަލިވެ އިނދެ، އެހެން ފިރިހެނަކާ ކައިވެނިކޮށް ފިރިމީހާއަށް ދަރިފުޅުގެ ނަސްލު އޮޅުވާލައެވެ. ފަހުން ދަރިފުޅު ބޮޑުވެ ބަލިވާ ހިސާބުން ދަރިފުޅުގެ ބައްޕަ އަކީ އެހެން މީހެއްކަން ޔޫއްޕެ (ޒިޔާ) އަށް އެނގެއެވެ. މި ފިލްމުން ޝީލާގެ ކެރެކްޓާ ވަނީ ފިލްމު އެވޯޑަށް ނޮމިނޭޓްވެފައެވެ.

  • 4426 (2016)

ޝީލާ ދަންނަ އެންމެންނަށް ޝީލާ އަކީ ވަރަށް ބިރުގަންނަ މީހެއްކަން އިނގޭނެއެވެ. 4426 އަކީ ހަމަ ހަގީގަތުގައި ވެސް ޝީލާގެ މޮޅު އެކްޓިންނެއް ފެނިގެންދިޔަ ފިލްމެކެވެ. ބިރުވެރި ފިލްމެއްގައި ޝީލާގެ އަސްލު އިހުސާސްތައް ވަރަށް ރީތިކޮށް ފިލްމުން ފެނިގެންދިޔައެވެ. މި ފިލްމުގައި ބަތަލާ ކުޅެފައިވާ ރޯލަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ. ދެރަ ތަންކޮޅަކީ މި ފިލްމުން ޝީލާ އެއްވެސް ކެޓަގަރީއަކަށް ނޮމިނޭޓްނުވުމެވެ. ނަމަވެސް ބެލުންތެރިންވަނީ ޝީލާގެ އެކްޓިން ބަލައިގެންފައެވެ.

  • ތިއޭ މިހިތުގެ ވިންދަކީ (2003-2005)

ދެއަހަރު ދުވަހުގެ މުއްދަތަކަށް ޓީވީއެމް އިން ގެނެސްދިން މި ޑްރާމާ ސިލްސިލާ އަކީ ޖުމްލަ 51 އެޕިސޯޑު ހިމެނޭ ޑްރާމާ އެކެވެ. ފިރިމީހާ މުހައްމަދު މަނިކު އާއެކު ލީޑު ރޯލުން ޝީލާ ފެނިގެންދިޔަ މި ޑްރާމާގައި ޝީލާ ކުޅެނީ ނާދިޔާ ކެރެކްޓާއެވެ. އަޔާޒު އޭނާގެ މައިންބަފައިންގެ ރަށަށް ދާ ހިސާބުން ނާދިޔާ ފެނެއެވެ. ނާދިޔާ ފެނުމާއެކު އަޔާޒްގެ ހިތް ނާދިޔާ އަށް އެދެވުނެވެ. ވަރަށް މަސައްކަތުން ނާދިޔާގެ ލޯބި ހާސިލްކޮށް އޭނާ އާ ކައިވެނިކުރަން އަޔާޒް ބޭނުންވެއެވެ. ނަމަވެސް އޭރު އަޔާޒްގެ މަންމަ ވަނީ އަޔާޒްގެ ކައިވެނި އެހެން އަންހެނަކާ ކުރުމަށް ހަމަޖައްސާފައެވެ. މައިންބަފައިންގެ ރަށުން އަޔާޒް މާލެ ދަނީ އެނބުރި ނާދިޔާ ބަލައި ރަށަށް އަންނާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް އެނބުރި ރަށަށް އަންނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި އަޔާޒު މަރުވެއެވެ. މިއީ މި ޑްރާމާގެ ސްޓޯރީ ލައިންއެވެ.

މި ފިލްމުތަކުގެ އިތުރުން ޝީލާ ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި އެ ބައްޕަ، ލޯތްބަށްޓަކައި، އެ ދަރިފުޅު އަދި ނިއުމާ ހިމެނެއެވެ. އޭނާ ކުޅުނު މަގްބޫލު ބައެއް ޑްރާމާތަކުގެ ތެރޭގައި ހުވާ، އެހެނަސް، ކަލާގެ ހައްގުގައި، ވަގުތު ފާއިތުނުވަނީސް އަދި ކަލާ ދެކެ ވަރަށް ލޯބިވޭ ހިމެނެއެވެ. ޝީލާގެ ފިލްމީ ކެރިއަރުގައި ވަނީ ފަސް އެވޯޑް ހާސިލްކޮށްފައެވެ. ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާގެ އިތުރުން ކުރު ފިލްމުތަކުންވެސް ފެނިފައިވާ ޝީލާ އެންމެ ފަހުން ފެނިގެންދިޔައި މި އަހަރު އޮލިމްޕަހުގައި ރިލީޒްކުރ ޔޫއްޕެގެ "ޖޯކަރު" އިންނެވެ. ކާމިޔާބު އެތައް ދިވެހި ފިލްމުތަކެއް ކުޅެދީފައިވާ ޝީލާގެ ފިލްމުތަކުގެ ތެރެއިން ކިޔުންތެރިންނަށް އެންމެ ކަމުދަނީ ބަތަލާގެ ކޮން ފިލްމެއް ހެއްޔެވެ؟