އާރްޑީސީއިން ހައްޔަރުކުރީ ފައިނޭންޝަލް މެނޭޖަރު ހުސައިން އަނީފު ފެނުނު ތަކެއްޗަށް އިއުތިރާފުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުން ހާމަވެއްޖެއެވެ.

ތަހުގީގު ކުރަމުން ދާ މައްސަލައަކާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން އާރްޑީސީ އޮފީހަށް ވަދެ އެތަން ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ލިޔުންތައް ގެންގޮސްފައެވެ. އަދި ރޭގެ ވަގުތެއްގައި އެތަނުގެ މެނޭޖަރެއްގެ ގެޔަށް ވެސް ފުލުހުން ވަނީ ވަދެފައެވެ.

ފުލުހުން ބުނީ މާލޭގައި ރޭ ހިނގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެ އެއް ބަލާ ފާސްކޮށް 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އެއްކޮށްފައި ހުރި ތިން ބިޑިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް ޝަރުތުތަކާއެކު އެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނީފު ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބު ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވީ ނަމަވެސް މީނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ކުށުގެ ތުހުމަތުކަމުގައިވާއިރު މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ކުށަކަށް ނުވާތީ ކަމަށެވެ. އަދި އޭނާގެ ކުށުގެ ރިކޯޑަށް ބަލާއިރު އޭނާ ބަންދުކޮށްފައިވަނީ ހަމައެކަނި އެ މައްސަލައިގައި ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

އަނީފުއަކީ ކުށުގެ ވެށީގައި އުޅޭ ފަރާތެއް ނޫންކަން ފާހަގަކޮށް އަމުރުގައި ބުނީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވާނެ ފަދަ ހަރުދަނާ ސަބަބެއް ނުވަތަ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ އެކަށީގެންވާ ސަބަބެއް ޝަރީއަތަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ މައްސަލާގައި ފެނިފައިވާ ތަކެއްޗަކީ މީނާގެ ތަކެތިކަމަށް އިއުތިރާފުވާ ކަމަށާއި އެއީ އޭނާ ބޯން ގެން ގުޅުނު ތަކެތިކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފަރުވާގެ ފުރުސަތު ލިބޭނަމަ އެ ފުރުސަތު ބޭނުންވާ ކަމަށާއި މާފަށް އެދޭ ކަމަށް ބުނެފައިވާ ކަމަށްވެސް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

އިތުރަށް އެ އަމުރުގައި ބުނެފައިވަނީ އެ މައްސަލާގައި ފެނުނު ތަކެތި ޓްރެފިކިންގެ މިންގަނޑަށް ނާރާނެ ކަމަށާއި އެހެންކަމުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ޒަރޫރަތެއް އޮތް ކަމަށް ނުފެންނަ ކަމަަށެވެ.