އާރުޑީސީން ފެނުނު ތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަނީ އާރްޑީސީއާ ގުޅޭ 13 މިލިއަން ރުފިޔާގެ ޕެޓީ ކޭޝް މައްސަލައެކެވެ.

ފުލުހުން ބުނީ އާރްޑީސީން ފެނުނު މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތަހުގީގަށް ހެކި ހޯދަން ކޯޓް އަމުރެއްގެ ދަށުން އާރްޑީސީގެ އޮފީހަށް ފުލުހުން ވަނީ އިއްޔެއެވެ. އަދި ރޭ 11 ޖަހާކަންހާއިރު ވަރަށް ގިނަ އަދަދެއްގެ ބޮކްސް ފައިލްތަކާއި ކަރުދާސްތައް ފުލުހުންގެ ޕިކަޕަކަށް އަރުވައިގެން ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން ރޭގެ ވަގުތެއްގައި އެތަނުގެ މެނޭޖަރެއްގެ ގެޔަށް ވެސް ވަދެފައި ވާއިރު، އެ ތަން ފާސްކުރި އިރު ބަނގުރާ ހުސްކުރި ފުޅި އެއްގެ އިތުރުން މަސްތުވާ އެހެން ބާވަތެއް ވެސް ފެނިފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އާރްޑީސީގެ ބީއެމްއެލް އެކައުންޓުން، އެކި ފަހަރު މަތިން ޖުމުލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލަ ތަހުގީގުކުރަމުންދާއިރު އެ ފައިސާ ޖަމާކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ބޭންކު އެކައުންޓަށް ކަމަށް ބުނެ މީޑިއާތަކުން ކުރިން ރިޕޯޓު ކުރިއެވެ.

މި މައްސަލައާ ގުޅިގެން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އޭރު ވިދާޅުވެފައި ވަނީ އެ ފައިސާ އަކީ ޕެޓީކޭޝްގެ ގޮތުގައި ކުންފުނީގެ ސައިޓުތަކަށް ފޮނުވާ ފައިސާ ކަމަށެވެ.