ފަލަސްތީނުގެ ގާޒާގައި ހިނގަމުން ދާ ހަނގުރާމައާއި ގުޅިގެން ދިމާވެފައިވާ އިންސާނީ ކާރިސާ އިޖާބަދިނުމަށް ފަލަސްތީން ރެޑްކްރެސެންޓަށް އެހީތެރިވެ ދިނުމަށް ދިވެހި ރެޑްކްރެސެންޓުން ހުޅުވި ފަލަސްތީނު ރިލީފް ފަންޑު ބަންދުކޮށްފިއެވެ.

މި ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ 14 އޮކްޓޯބަރުން 28 އޮކްޓޯބަރުގެ ނިޔަލަށެވެ. އެހެންނަމަވެސް ހަނގުރާމައިގެ ހާލަތު ބަދަލުވެގެން ދިއުމާ އަދި ގިނަ ފަރާތްތަކުން އެދެމުން ދިއުމާ ގުޅިގެން މި ފަންޑު ވަނީ މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

ދިވެހި ރެޑްކްރެސެންޓުން ބުނީ މި މަހުގެ 12 ވަނަ ދުވަހު މި ފަންޑު ބަންދުކޮށްފައިވާކަމަށާ، ފަންޑު ބަންދުކުރުމުގެ ކުރިން ފައިސާ ޖަމާކުރުމުގެ މުއާމަލާތްތައް ފަށާފައިވާ އަމިއްލަ ފަރުދުންނާ ވިޔަފާރި އަދި އެކި ވުޒާރާތަކުން ލިބުމަށް ހަމަޖެހިފައިވާ ފައިސާ ދަނީ ޖަމާކުރަމުން ކަމަށެވެ. އެހެންކަމުން މި މަރުހަލާ ނިންމާ ލިބުނު ފައިސާގެ ޖުމްލަ ނޮވެމްބަރު 19 ގައި ހާމަކުރާނެކަމަށް ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރެޑްކްރެސެންޓުން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ވަނީ 2،105،337.14 ރުފިޔާ ލިބިފައި ކަމަށެވެ. އަދި މި ފައިސާ ބޭނުންކުރަމުން ދާނީ ފަލަސްތީނު ރެޑްކްރެސެންޓުން އޮކްޓޯބަރު 10 ވަނަ ދުވަހު ޕްރިލިމެނަރީ އިމެޖެންސީ އިލްތިމާސަށް އިޖާބަދީ އަނިޔާވެ ޒަހަމްވެފައިވާ ފަރާތްތަކަށް ދެމުން ގެންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެެ. މި ގޮތުން މި ފައިސާ ސިއްހީ ހިދުމަތްތަކަށް ބޭނުންވާނެ ސާމާނާއި، އުޅަނދުތަކަށް ބޭނުންވާ ތެލާއި ހަރަދުތަކުގެ އިތުރުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ބޭނުންކުރެވޭނެއެވެ.

އިތުރަށް ރެޑްކްރެސެންޓުން ބުނީ އަމާޒަކީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފަންޑަށް ލިބިފައިވާ ފައިސާ ވީހާވެސް އަވަހަށް ގާޒާގެ ހާލުގައި ޖެހިފައިތިިބި ފަރާތްތަކަށް ފޯރުކޮށްދިނުންކަމަށެވެ.