ބޮލީވުޑްގެ ކާމިޔާބު އެކްޓަރުންތަކެއްގެ ދަރިން އެއްފަހަރާ ބޮލީވުޑަށް ތައާރަފްވާ ފިލްމު "ދަ އާޗީސް" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ އެތައް ގޮތަކުން ހާއްސަ ފިލްމެކެވެ. ސަބަބަކީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން، ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރު އަދި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ބޮލީވުޑަށް ތައާރަފްވާ ފިލްމަކީ މި ފިލްމު ކަމަށްވުމުންނެވެ. ޒޯޔާ އަހްތަރު ގެނެސްދޭ މި ފިލްމަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ކޮމިކް ސީރީޒް "ދަ އާޗީސް" އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ޒުވާން ކާސްޓަކާއެކު ޒޯޔާ ގެނެސްދޭ މި ފިލްމަކީ އަންނަ މަހުގެ ހަތްވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ޑައިރެކްޓަރު ޒޯޔާ ބުނީ މި ކޮމިކް ބުކް ގެ ކެރެކްޓާތަކަކީ ދުނިޔޭގެ އެންމެން ވެސް ދަންނަ ކެރެކްޓާތަކަކަށްވުމުން މި ކެރެކްޓާތަކަށް ފީޗާ ފިލްމެއް ހެދުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި އެ ކެރެކްޓާތައް އެންމެ ފުރިހަމަ ގޮތެއްގައި އާންމުންނާ ހަމައަށް ޑެލިވާކޮށްދޭން ބުރަ މަސައްކަތްކޮށްފައި ހުންނާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި މި ފިލްމު ބަލައިގަތުމަކީ އޭނާގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މި ފިލްމުގެ ޓްރެއިލާ ނެރުމާއެކު ގިނަ ޝާހްރުކް، އަމީތާބު އަދި ސްރީދޭވީއަށް ސަޕޯޓްކުރާ އެތައް ފޭނުންނެއް ވަނީ ޓްރެއިލާގެ ރީތި ވާހަކަ ދައްކައި ފިލްމުގެ ޓީމަށް މަރުހަބާ ކިޔާފައެވެ.

ސުހާނާ ހާން "ދަ އާޗީސް" އިން ބޮލީވުޑަށް ތައާރަފްވާއިރު އަންނަ އަހަރު ބައްޕަ ޝާހްރުކް އާއެކު "ދަ ކިންގް" އިން ފެނިގެންދާނެއެވެ. އެކްޝަން ތުރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމަކީ ސިދާތު އާނަންދު ގެ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެއެވެ.