މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ފްލެޓްގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނޮވެމްބަރު 5، 2023 އިން ފެށިގެން ނޮވެމްބަރު 9، 2023 ގެ 16:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައެވެ. އެހެންނަމަވެސް މިއަދު ޕްލޭނިން މިނިސްޓްރީން ޝަކުވާ ހުށަހެޅުމަށް އެއް ދުވަސް އިތުރުކޮށް ކުރި އިއުލާނުގައި ބުނީ ގިނަފަރާތްތަކަކުން އެދެމުންގެންދާތީ ނޮވެންބަރު 10، 2023 ގެ 23:59 އަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.

ފުލެޓުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅާ އިއުލާންކުރުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި ފްލޭނިން މިނިސްޓްރީ ދޮށަށް އެއްވެ ގިނަ ބަޔަކު އިހްތިޖާޖުކޮށްފައިވާއިރު، މި މައްސަލަ ވަނީ އީސީސީ އަށް ވެސް ހުށަހަޅާފައެވެ.

ޕުލެޓު ދީފައިވާ ގޮތުން ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރިއިރު ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ވިދާޅުވީ ޕޮއިންޓް ދީފައިވަނީ ފޯމްގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ.