ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ގެނެސްދީ "ސިންގަމް 3" ގައި ބަތަލާ ކަރީނާ ކަޕޫރު ފެންނާނެކަން އިއުލާންކޮށް ކަރީނާގެ ފަސްޓްލުކް ޕޯސްޓަރު ރިލީޒް ކޮށްފިއެވެ.

ބޮލީވުޑްގެ އޭ ލިސްޓު ތަރިންނާއެކު ޝޫޓްކޮށް ރިލީޒްކުރަން ތައްޔާރު ވެފައިވާ މި ފިލްމުގައި ކަރީނާ ފެންނާނީ 2014 ވަނަ އަހަރު ނެރުނު "ސިންގަމް އަގައިން" ގައި އޭނާ ކުޅުނު ކެރެކްޓާ އިންނެވެ. ފިލްމުގެ އެކްޓަރު އަޖޭ ދޭވްގަން އޭނާގެ ސޯޝަލް މީޑިއާގައި ފިލްމުގެ ޕޯސްޓަރު ކަރީނާ އާއެކު ހިއްސާކުރަމުން ބުނީ އޭނާ އަކީ އަވްނީ ސިންގަމް ކަމަށެވެ. އެ ކެރެކްޓާ އަކީ ޖެހިލުންނުވާ ކެރޭ ވަރުގަދަ ކެރެކްޓާއެއް ކަމަށްވެސް އަޖޭ ވަނީސ ބުނެފައެވެ. ފިލްމުގައި ކަރީނާ އަކީ އަޖޭގެ އަންހެނުންނެވެ.

ރޯހިތު ޝެޓީއާއެކު މީގެ ކުރިންވެސް މަސައްކަތްކޮށްފައިވާ ކަރީނާ ވަނީ ރޯހިތު އާއެކު ތިން ބޮލޮކްބަސްޓާ ފިލްމެއް ކުޅެފައެވެ. އެއީ "ގޯލްމާލް"، "ގޯލްމާލް ރިޓާންސް" އަދި "ސިންގަމް އަގެއިން" އެވެ. ގިނަ ފުލުހުންތަކެއް ފެނިގެންދާ މި ފިލްމުގައި ދީޕިކާ ޕަޑުކޯން ޝަކްތީ ޝެޓީގެ ކެރެކްޓާ ކުޅޭއިރު ޓައިގާ ޝްރޮފް ކުޅޭނީ އޭސީޕީ ސަތްޔާ ކިޔާ ކެރެކްޓާއެކެވެ. ދީޕިކާ އަކީ ފިލްމުގައި އަޖޭގެ ކޮއްކޮ އެވެ.

މި ފިލްމު ވެގެންދާނީ މުޅި ބޮލީވުޑްގެ ތާރީހުގައި ވެސް އުފައްދާ އެންމެ އަގުބޮޑު އެންމެ ބޮޑު ފުލުހުންގެ ފިލްމަށް ކަމަށެވެ. ފިލްމުގައި އަޖޭ ކުޅޭނީ ސިންގަމްގެ ރޯލު ކަމަށާއި ރަންވީރު ފެނިގެންދާނީ ސިމްބާގެ ރޯލުން ކަމަށާއި އަދި އަކްޝޭ ފެނިގެންދާނީ ސޫރިޔަވަންޝީގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގެ މައިގަނޑު ކެރެކްޓަރު އަޖޭ ފެނިގެންދާނީ ވަރުގަދަ ކޭހެއް އިންވެސްޓިގޭޓް ކުރުމުގެ ތެރެއިން ކަމަށާއި އަޖޭ އަށް އެހީތެރިވާން އަންނަ ފުލުހަކީ އަކްޝޭ ކަމަށެވެ. މި ފިލްމުގައި ރަންވީރުގެ މުހިއްމު ރޯލެއް ހިމެނޭ ކަމަށާއި ރަންވީރު ކުޅޭނީ ފިލްމު "ސިމްބާ" ގައި އޭނާ ކުޅުނު ކަހަލަ މަޖާ ސީރިއަސް ފުލުސް އޮފިސަރެއްގެ ރޯލު ކަމަށެވެ. މި ފިލްމުގެ ދެވަނަ ބައި ސިންގަމް ރިޓާންސް ރިލީޒްކުރީ 2014 ވަނަ އަހަރުއެވެ. 10 އަހަރުގެ މެދުކެނޑުމަކަށްފަހު މި ފިލްމު އަންނަ އަހަރު ސިނަމާއަށް ގެންނަން ވަނީ ތާވަލްކޮށްފައެވެ.