އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިރޭ ވިދާޅުވީ ޔޫއޭއީއަށް އިންތިހާބީ ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
މި ދަތުރާ ބެހޭ އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާއިރު މީގެ ކުރިން ފިިރުޒުލް ވިދާޅުވީ، މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށާއި މެހެމާންދާރީއެއްގެ ގޮތުން އެ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސާދީފައި ވަނީ ޔޫއޭއީގެ ފަރާތުން ކަމަށެވެ.
ޔޫއޭއީގެ ސަރުކާރަކީ ރާއްޖޭގެ މަޝްރޫއުތަކުގައި ބައިވެރިވާ ގައުމެއް ކަމަށްވާއިރު ނ. މާފަރުގައި އަޅާފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޔޫއޭއީގެ އެހީގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު އާއިލާއާއެކު މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފައިވާއިރު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދަތުރުފުޅަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑރ. މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ މި މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގައެވެ. އެ ދުވަހުގެ ހަވީރު ބާއްވާ އެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.