ރޭ ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 128 މީހުން މަރުވެފައި ވާކަމަށާ މި އަދަދު އެއަށްވުރެ ވެސް އިތުރު ވެދާނެކަމަށް، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފިއެވެ.

ނޭޕާލުގެ ނޭޝަނަލް ސެންޓަ ފޯ ސެސްމޮލޮޖީން ބުނީ މި ބިންހެލުން އައި ކަމަށް ރިކޯޑް ކުރެވިފައި ވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި ކަނޑުގެ 10 މީޓަރު އަޑިން ކަމަށެވެ. ނޭޕާލަށް އައި މި ބާރުގަދަ ބިންހެލުމުގެ އަސަރު އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި އެ ގައުމުގެ އެހެން ބައެއް ސިޓީތަކަށް ވެސް ވަނީ ކޮށްފައެވެ.

ރޭ ނޭޕާލުގައި މީހުން ނިދާފައި ތިއްބާ އައި މި ބިންހެލުމުގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމުވެފައި ވާއިރު ގިނަ އިމާރަތްތައް ވަނީ ބިމާ ހަމަވެފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ބައެއް ހިސާބުތަކުން ކަރަންޓްގެ ހިދުމަތް ކެނޑިފައި ވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައި ވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ނޭޕާލަކީ އާންމުކޮށް ބިންހެލުން އަންނަ ގައުމަކަށް ވާއިރު 2015 ވަނަ އަހަރު އެ ގައުމަށް އައި ބިންހެލުމުގައި 9000 މީހުން ވަނީ މަރުވެފައެވެ.

ޖިއޯހަޒާޑް އިންޓަނޭޝަނަލް އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ ސަރަހައްދުގައި ކޮށްފައިވާ އިމާރާތްތަކުގެ ތިން ބައިކުޅަ ދެ ބަޔަކީ ބިންހެލުންތަކުން ލިބިދާނެ ގެއްލުމަކަށް ނުބަލައި، އެކަށީގެންވާ މިންގަނޑަށް ވުރެ ދަށްކޮށް ހަދާފައިވާ އިމާރާތްތަކެކެވެ.