ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ހާންގެ 58 ވަނަ އުފަންދުވަހާ ދިމާކޮށް އޭނާގެ އެންމެ ފަހުގެ ފިލްމު 'ޑަންކީ' ގެ ޓްރައިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓު ކުރާ މި ފިލްމު މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކުގައި އެޅުވުމަށް ނިންމާފައި ވާއިރު މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

https://twitter.com/i/status/1720388157840167189

މި ފިލްމުގެ ޓްރައިލާ އިން ފެންނަނީ ޝާހު އާއި، އޭނާގެ އެކުވެރިން ސަހަރާއެއް ހުރަސްކޮށްފައި ދަނިކޮށް މީހަކު އެމީހުންނަށް ބަޑިން ހަމަލާ ދޭ ތަނެވެ. އަދި ފިލްމުގެ ލީޑު ކާސްޓުގައި ހިމެނޭ ބައެއް ތަރިންގެ ކުޑަ ތައާރަފެއްވެސް ޓްރައިލާގައި ފެނިގެން ދާއިރު މި ފިލްމަކީ ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުންނާ ގުޅޭ ވާހަކަތަކަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުގެ ލީޑު ރޯލުން ޝާހުގެ އިތުރުން ތާޕްސީ ޕަންނޫ އާއި ވިކީ ކޯޝަލް ފެނިގެން ދާއިރު މިއީ 4 އެކުވެރިންގެ ގުރޫޕަކުން އެމީހުންގެ ހުވަފެންތައް ހަގީގަތަަކަށް ހެދުމަށް ކުރާ މަސައްކަތް ވެސް ފެނިގެންދާނެ ފިލްމެކެވެ.

މި ފިލްމާ ބެހޭ ގޮތުން ޝާހު ބުނީ، މިއީ ހަގީގީ ދިރިއުޅުމުގައި ބަޔަކު އެމީހުންގެ ހުވަފެންތަކާއި ބޭނުންވާ ކަންތައްތައް ހާސިލު ކުރުމަށް ކުރާ މަސައްކަތް ފެނިގެންދާނެ ފިލްމެއް ކަމަށެވެ. އަދި މި ފިލްމުގައި އެކުވެރިކަމާއި ލޯތްބާއި އެކަކު އަނެކަކާ އެކުގައި ވުމަށް ވާ ގުރުބާނީ އާއި އެތައް ޖަޒުބާތީ ވާހަކަތަކެއް ހިމެނިފައި ވާނެ ކަމަށެވެ.