އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނަސްރުގެ ދުވަހަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަސްރުގެ ދުވަހުގެ ހެޔޮ ދުއާ އަދި ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުން މުއިއްޒު ވިދާޅުވީ ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މައުލޫމާތު، ހާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެެވެ.

35 ވަނަ ނަސްރުގެ ދުވަސް ފާހަގަ ކުރަމުންދާއިރު މި ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 3، 1988ގައި ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްވި ދުވަހުގެ ގޮތުގައެވެ. 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ހާދިސާއެވެ.

މި އުދުވާނީ ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 8 ސިފައިންނާއި އާންމު ރައްޔިތުންގެ ތެރެއިން 11 މީހުންނެވެ.