ކުޑަކުދިން ކެއްސާތީ ދޭން އުފައްދާ ކޯފް ސިރަޕުގައި ބޭނުން ކުރާ ދެ މާއްދާއެއް ހުންނަން ވާ މިންގަނޑަށް ވުރެ މަތިވެފައި ހުރި ބެޗެއްގެ ބޭސް ދިން 200 ކުއްޖަކު މަރުވި މައްސަލައިގައި އިންޑޮނީޝިއާގައި ކޯފް ސިރަޕް އުފައްދާ ކުންފުނީގެ ވެރިޔާ އާއި އިތުރު ބަޔަކު ޖަލަށް ލައިފިއެވެ.

އިންޑޮނީޝިއާގެ 'އަފީ ފާމާ' ކުންފުނީގެ ވެރިޔާ އާއި އިތުރު 3 މީހަކު ޖަލަށް ލާން ކުރި ހުކުމުގައި ވަނީ ކުދަކުދިން ކެއްސާތީ ދޭ ބޭހުގައި ހިމެނޭ ޕްރޮޕަލީން ގްލައިކޯލް އާއި އެތަލީން ގްލައިކޯލް ހުރީ ހުންނަން ވާ މިންގަނޑަށް ވުރެ މާތިކޮށް ކަމަށެވެ. އޭގެ ނަތީޖާއަކަށް ވަނީ އެ ބޭސް ބޭނުން ކުރާ ގިނަ ކުދިންގެ ކިޑްނީ ފެއިލަ ވުމާއި ސިއްހީ އެހެނިހެން ބައެއް މައްސަލަތައް ދިމާވެ ފުރާނައަށް ނުރައްކާ ވުމެވެ.

އެ ދެ މާއްދާ އަކީ ވެސް ހުންނަން ވާ މިންވަރަށް ވުރެ މަތިވެއްޖެ ނަމަ، އެ ބޭނުން ކުރާ މީހުން [ކުދިން] ވިހަ ކޮށްލާ 2 މާއްދާއެވެ. ނަމަވެސް ޕްރޮޕަލީން ގްލައިކޯލް އަކީ އޭގެ ޒާރުގައި ވިހައެއް ނޫނެވެ. އެ މާއްދާ ބޭހުގެ އިތުރުން ކޮސްމެޓިކްސް، އާއި ކާބޯތަކެތި އުފައްދާ އިރު ބޭނުން ކުރެއެވެ. އެއާ ހިލާފަށް ގްލައިކޯލް އަކީ ވިހަ މާއްދާއެކެެވެ. އެ މާއްދާ ދަވާދާއި، ގަލަމާއި ވެހިކަލް ބްރޭކް ފްލުއިޑް އުފައްދާ އިރު ބޭނުން ކުރެއެވެ.

މައްސަލަ ޖެހުނު ކޯފް ސިރަޕް ބެޗްގައި ގްލައިކޯލްގެ ތާސީރު 99 ޕަސެންޓަށް ހުރި ކަމަށް ތަހުލީލުތަކުން ވަނީ ދައްކާފައެވެ.

އެ 4 މީހުން ޖަލަށް ލާފައި ވަނީ 2 އަހަރަށެވެ. އޭގެ އިތުރުން ކޮންމެ މީހަކު 1 ބިލިއަން އިންޑޮނީޝިއާ ރުޕިއާ (63،029 އެމެރިކާ ޑޮލަރު) އިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ކޯފް ސިރަޕް ބޮއެގެން އިންޑިއާ އަދި އެފްރިކާގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވި މައްސަލަތަކެއް ފެންމަތިވި ދުވަސް ވަރު އިންޑޮނީޝިއާގައި ވެސް މި މައްސަލަ ފެންމަތިވި އިރު ޑަބްލިއު އެޗް އޯއިން ވަނީ އެކަމުގައި ހަރުކަށި ފިޔަވަޅުތައް އެޅާ ތަހުގީގުތައް ހިންގަން އަންގާފައެވެ. އިންޑިއާގައި ދިމާވި މައްސަލައިގައި ތަހުގީގު ކުރުމަށް ފަހު އެގައުމުގެ އިދާރާތަކުން ވަކާލާތު ކުރީ އިންޑިއާގެ ބޭހުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އިންޑިއާއިން އެފްރިކާގެ ގެމްބިއާއަށް އެތެރެ ކުރި ބޭސް ބޮއެގެން ގިނަ އަދަދެއްގެ ކުދިން މަރުވިއެވެ. ހަމައެހެންމެ އުޒުބަކިސްތާނުން ވެސް މި މައްސަލަ ފެންމަތިވި އިރު އެ ދެގައުމުން މަރުވި ކުދިންގެ އަދަދު 100 އަށް އެރިއެވެ.

އިންޑިއާއިން އުފައްދާ ކުޑަކުދިންނަށް ދޭ ބޭހެއް ކަމަށް ވާ ގުއަފެނެސިން ނަމަކަށް ކިޔާ ސިރަޕްގެ މައްސަލައެއް ހުރި ކަމަށް ޑަބްލިއުއެޗްއޯއިން އެލާޓް ނެރެފައިވާތީ ބޭސް ސިޓީއަށް އެ ބޭސް އެތެރެ ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މީގެ ކުރިން އެލާޓް ނެރުނެވެ.

ޖެނެރިކް ބޭސް އެންމެ ގިނައިން އިންޑިއާއިން އެކްސްޕޯޓު ކުރާ އެއް ބައްރު ކަމުގައި ވާ އެފްރިކާގައި ކުޑަކުޑިންތަކެއް ބޭނުން ކުރި ކެއްސާ ބޭހުގެ ގިނަ ވައްތަރު ތަކަކީ އިންޑިއާގެ މެއިޑެން ފާމަސޫޓިކަލްސްގެ އުފެއްދުންތަކެކެވެ.

އަދި މީގެ ކުރިން ކުޑަކުދިންނަށް ހާއްސަ ޕެރަސަޓްމޯލް ސިރަޕްތަކަކަށް ސަމާލުވުމަށް ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކުރިއެވެ. އެ ބޭސްތަކަކީ ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ބޭސްތަކެކެވެ.

މި ބޭސްތަކުގެ މައްސަލަ ފެންމަތިވި އިރު، މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި ބޭސްތަކާ ގުޅޭ ގޮތުން އެމްއެފްޑީއޭ އިން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.