ވަގަށް ނަގާފައިވާ ބައިސިކަލެއް ވިއްކަން އުޅުމުން، އެ ނުގަތް މައްސަލައިގައި ހަމަނުޖެހުން ހިންގާ ފިހާރައަކަށް ގެއްލުން ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި އުމުރުން 34 އަހަރު ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ބައިސިކަލް ގެންދިޔަ ފިހާރާގައި ތިބި މީހުން އޭނާ ގައިގައި ތަޅައި އެކިވަރުގެ އަނިޔާތައް ދިން ކަމަށް ބުނެފައެވެ. އެމީހާގެ ވާހަކައާއި ގުޅިގެން ފުލުހުން ބުނީ ފިހާރައިން އޭނާ ހައްޔަރުކުރި ވަގުތު އެފަދަ އެއްވެސް ވާހަކައެއް އެމީހާ ފުލުހުން ގާތު ބުނެފައި ނުވާކަމަށެވެ.

މި މައްސަލައިގައި އިތުރަށް ފުލުހުން ބުނީ އެ ފިހާރައަށް އެމީހާ ދިޔާއީ ވަގަށް ނަގާފައިވާ ބައިސިކަލް ވިއްކުމުގެ ބޭނުމުގައިކަމަށާ އެ ފިހާރައިން ބައިސިކަލް ގަތުމަށް އިންކާރުކުރުމުން އޭނާ އެ ފިހާރާގައި ހުރި މުދަލަށް ގެއްލުންދީފައިވާކަމަށެވެ. އަދި އެތަނުގައި ތިބި ފިހާރައިގެ މުވައްޒަފުންނާ މާރާމާރީ ހިންގާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ.

ކްރިމިނަލް ކޯޓުން ވަނީ ފިހާރައަށް ގެއްލުން ދިން މައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.