ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީންގެ މުސްލިމުންނަށް އެހީވުމަށް އއ. ހިމަންދޫގެ ރައްޔިތުންގެ ފަރާތުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް ވިދާޅުވީ، މި ހަރަކާތް ހިންގުމުގައި އިސްނަގައިގެން މަސައްކަތް ކުރީ އެ ރަށު ސްޓެލްކޯ އިންޖީނުގޭގެ މުވައްޒަފުން ނަމަވެސް އިވެންޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުލަބު/ޖަމިއްޔާ ތަކާއި ޓީމް ތަކުގެ އިތުރުން އާންމު ރައްޔިތުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަކަމަށެވެ.

އަދި މިއީ މިފަދަ ފަންޑް ރައިޒިންގް އިވެންޓެއްގައި މިހާ ގިނަ ރުފިޔާ ލިބިގެންދިޔަ ފުރަތަމަ އިވެންޓް ކަމަށާއި މި އިވެންޓް ކުރިއަށް ގެންދިޔައީ އެކި އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ ކޮމިޓީއެއްގެ ދަށުން އިވެންޓުގައި ކުރާނެ ކަންކަން ރާވައިގެން ކަމަށް ހުޝާމް ވަނީ މައުލޫމާތު ދެއްވާފައެވެ.

ފަލަސްތީނަށް އެހީވުމަށް ހިމަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން / ފޮޓޯ: ކައުންސިލް

އިވެންޓު ކުރިއަށް ގެންދިޔައީ އެންމެ ދުވަހެއްގައި ކަމަށާއި އަދި އެ ހަރަކާތުން 230،000 ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި ހަރަކާތުގައި ލިބުނު ފައިސާ މިހާރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަންޑަށް ވަނީ ފޮނުވާފައެވެ.

ރަށުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔައީ ހީ ނުކުރާފަދަ ބޮޑު ތަރުހީބެއް ކަމަށާއި ހިމަންދޫ އަކީ މިފަދަ ކޮންމެ ކަމަކަށްވެސް އިޖާބަ ދީ އެކުވެރި އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށް ހުޝާމް ވަނީ ފާހަގަ ކުރައްވާފައެވެ. ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ހިމަންދޫގައި ހިންގި ފަންޑްރައިޒިންގް އިވެންޓްގައި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި މެންބަރުން އަދި ވަކިން ހާއްސަކޮށް އަންހެނުންގެ ހާއްސަ ކޮމެޓީގެ މެންބަރުން ކުރި ބުރަ މަސައްކަތްތައް ފާހަގަ ކުރައްވާ ހުޝާމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ފަލަސްތީނަށް އެހީވުމަށް ހިމަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން / ފޮޓޯ: ކައުންސިލް

ހުސްވި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް ވަނީ 8،000 އަށްވުރެގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެ އެތައް ސަތޭކަ ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތު ވެފައެވެ. ހިމަންދޫއެކޭ އެއްފަދައިން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަންކަން ރާވާ ހިންގަމުން ދެއެވެ.