ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭގެ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

25 އަހަރު ފުރުން ބަތަލާ ރާއްޖޭގައި ފާހަގަކޮށްފައިވަނީ އޭނާގެ އަލަތު ލޯބިވެރިޔާ، ކުޅަދާނަ އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރުގެ އިތުރުން އޭނާގެ ރަހުމަތްތެރިންނާއެކުގައެވެ. ނ އަތޮޅުގެ ސޮނެވާ ޖާނީ ރިސޯޓުގެ ހިތްގައިމު މާހައުލުގައި އަނަންޔާ އުފަންދުވަސް ފާހަގަކުރިއިރު އެ ރިސޯޓުގެ މުވައްޒަފުން ވަނީ ބަތަލާ އަށް ތަހުނިޔާ ކިޔައި ބޮޑުބެރުގެ ހަރަކާތްތަކެއް ބާއްވާފައެވެ. ރާއްޖެ އައިސް ރިސޯޓުގައި ކުރާ ކަންތައްތަކުގެ ވީޑިއޯ އާއި ފޮޮޓޯ ބަތަލާގެ އިންސްގްރާމަށް ވަނީ ހިއްސާކޮށްފައެވެ. ބަތަލާ ވަނީ މީގެ ކުރިން ވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. ބޮލީވުޑްގެ ގިނަ ތަރިންނަށް ރާއްޖޭ އަކީ އެންމެ މަގްބޫލު މަންޒިލްވެސް މެއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދޮށީ ދަރިފުޅު އަނަންޔާ ބޮލީވުޑަށް ތައާރަފްވީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ. އެ ފިލްމުގައި އޭނާއާއެކު ހަރަކާތްތެރިވީ ޓައިގާ ޝްރޮފް އާއި ތާރާ ސުތައިރާއެވެ. ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ އަޔޫޝްމަން ކުރާނާއާއެކު "ޑްރީމް ގާލް 2" އިންނެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މިހާރު އެ ފިލްމު ނެޓްފްލިކްސް އިން ބެލޭނެއެވެ. އަނަންޔާ ދެން އެންމެ އަވަހަށް ފެންނާނީ "ކޯ ގައޭ ހަމް ކަހާ" އިންނެވެ. މި ފިލްމުގައި ބަތަލާ ފެނިގެންދާނީ ސިދާންތު ޗަކުރަވޭދީއާއެކުގައެވެ.