ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓައިގާ ޝްރޮފްގެ ކުރިއަށް އޮތް ފިލްމުގެ ބަތަލާ އަކަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ބަތަލާ ދިޝާ ޕާޓްނީ ހަމަޖައްސައިފިއެވެ.
މި ފިލްމުގެ ބަތަލާގެ ރޯލު ކުރިން ސާރާ އަލީ ހާން އަށް ދިން ނަމަވެސް މިހާރު މި ރޯލު ވަނީ ދިޝާ އަށް ކުޅެން ދީފައެވެ. ހީރޯ ނަންބަރު ވަން" ކުޅެން ސާރާ އަށް ދިން ނަމަވެސް އޭނާގެ ފިލްމު ޝެޑިއުލް ބިޒީކަމުން އެ ފިލްމު ކުޅެވޭ ގޮތް ނުވިއެވެ. އެހެންކަމުން މި ފިލްމު ދިޝާ އަށް ދިނީއެވެ. ބަތަލާ ދިޝާ އާއި ޓައިގާގެ އޮންސްރީން ޖޯޑަކީ ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ. މި ފިލްމުގައި ދެވަނަ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަންގެ ކަޒިން ޕަޝްމިނީ ރޯޝަންއެވެ.
އަންނަ އަހަރުގެ ޖަނަވަރީ މަހު ލަންޑަންގައި ޝޫޓްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ އަންނަ އަހަރު ފަހުކޮޅު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ. މީގެ ކުރިން މިދެތަރިން "ބާގީ 2" ކުޅުނުއިރު މި ފިލްމަށް ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ލިބުނެވެ. އެކްޓަރު ޓައިގާ އެންމެފަހުން "ގަންޕަތު" އިން ފެނިގެންދިޔައިރު ދިޝާ ފެނިގެންދިޔައީ "އޭކް ވިލަން ރިޓާންސް" އިންނެވެ.
2014 ވަނަ އަހަރު ކްރިތީ ސެނަން އާއެކު "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުތް ޓައިގާ ވަނީ އެ ފިލްމުގެ ދެވަނަ ބައިންވެސް ފެނިފައެވެ. ދިޝާ ބޮލީވުޑަށް ތައާރަފްވީ 2016 ވަނަ އަހަރު އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް އާއެކު "އެމްއެސް ދޯނީ: އޭން އަންޓޯލްޑް ސްޓޯރީ" އިންނެވެ. އެ ފިލްމަކީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހެންދުރަ ސިންހް ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. ދިޝާ އެ ފިލްމުގައި ކުޅުނީ ދޯނީގެ ކުރީގެ ލޯބިވެރިޔާގެ ރޯލެވެ.