އިޒްރޭލުން ބޮމުގެ ހަމަލާތައް ފުލުފުލުން ދެމުން ދިޔަ އިރު، ސާރާ އަލް ހާލިދީ އާއި އޭނާގެ ހަތަރު ދަރިން އެކަކު އަނެކަކުގެ ގައިގައި ބައްދައިގެން ތިބީ ގާޒާ ސިޓީގެ ތަލް އަލް ހައްވާ އަވަށުގައި ހުންނަ އެމީހުންގެ ގޭގެ ސިޓިންރޫމްގައެވެ.
މުޅި ރޭ ހޭދަވެގެން ދިޔައީ އިޒްރޭލުން ހުއްޓުމެއް ނެތި ދެމުން ދިޔަ ބޮމުގެ ހަމަލާތަކުގެ އަޑުންނެވެ.
"އެވަގުތު އަހަރެން ހިތަށް އަރަމުން ދިޔައީ ގެޔަށް ބޮމުގެ ހަމަލާއެއް އަމާޒުވެއްޖެނަމަ އަހަރެންގެ ދަރިން މަރުވާނެ ކަމަށާއި އެއްވެސް މީހަކަށް އެކުދިން ދެނެ ނުގަނެވޭނެ ކަމަށް." އުމުރުން 40 އަހަރުގެ ޒުވާނާ ބުންޏެވެ.
އެ ރޭގެ ހަމަލާތަކުން އާއިލާ ސަލާމަތްވެ ޖެހިގެން އައި ދުވަހު ދެކުނުން ހާން ޔުނިސް އަށް ދިޔައީ ތިމާގެ މީހެއްގެ ގޭގައި މަޑުކޮށްލަން ކަމަށާއި އެތަނުގައި އެމީހުން ރައްކާތެރިވާނެ ކަމަށް ހީކުރި ކަމަށް ސާރާ ބުންޏެވެ. ނަމަވެސް ސާރާއަށް ހައިރާންކަން ލިބުނީ އޭނާގެ އާއިލާގެ މީހުން އެމީހުންގެ ދަރިންގެ ހަށިގަނޑުގައި ދަރިންގެ ނަން ތައް ލިޔަމުން ދިޔުމުންނެވެ.
އެ މަންޒަރު ފެނިފައި ސާރާއަށް ރޮވުނެވެ. އަދި އެގޮތަށް ކަންތައް ކޮށްފިނަމަ ދަރިންނަށް ބަދުނަސީބެއް މެދުވެރިވެރި ވެދާނެތީ ސާރާ ކަންބޮޑުވިއެވެ.
ނަމަވެސް އަލްޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރަކު ކުދިންގެ ހަށިގަނޑުގައި އެ ކުދިންގެ ނަންތައް ލިޔެފައި ވާތަން ފެނުމުން ސާރާ ގެ ވިސްނުން ބަދަލުވިއެވެ.
"އިޒްރޭލުން ޝަހީދު ކޮށްލި މި ކުދިންނަކީ ހަމަ އެކަނި އަދަދުތަކެއް ނޫން. އެއީ އިޒްރޭލުން ޝަހީދު ކޮށްލާފައިވާ ކުދިންގެ ނަންތަކެއް. ވާހަކަތަކެއް. ހުވަފެންތަކެއް. އެ ކުދިންގެ ވާހަކަ މުޅި ދުނިޔެއަށް އެނގެން ޖެހޭ." އޭނާ ބުނެފައި ވެއެވެ.
ފާއިތުވި ތިން ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމަށްވާ ގާޒާއަށް ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް ދީފައެވެ. ފަލަސްތީނުގެ 7،703 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައި ވާއިރު އޭގެ ތެރޭގައި ގާތްގަނޑަކަށް 3،595 ކުޑަކުދިން ވެސް ހިމެނެއެވެ. ފަލަސްތީނުގެ އިތުރު 1650 މީހުން، އެމީހުންގެ ގެދޮރާއި އިމާރާތްތަކުގެ ކުނީގެ ދަށުގައި ތާށިވެފައި ތިބިއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ވަނީ ގާޒާގެ މުވާސަލާތީ ހިދުމަތްތައް ކަނޑާލައި، ކަރަންޓު ކަނޑާލާ، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައެވެ.
ތެލާއި ސާފު ފެނާއި ތެޔޮ ހުސްވެފައިވާ ގޮނޑުދޮށުގެ އެންކްލޭވް މުޅިން ބަންދު ކުރުމުގެ އިތުރުން އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓު ތަކުން ވަނީ ކްރިޓިކަލް އިންފްރާސްޓްރަކްޗާ އަށް ވެސް ހަމަލާތައް އަމާޒު ކޮށްފައެވެ. ދެ ލައްކައަށް ވުރެ ގިނަ ހައުސިން ޔުނިޓް ވަނީ ފުނފުނޑު ކޮށް ނުވަތަ މުޅިން ބިމާ ހަމަކޮށްފައެވެ.
އދ އިން ބުނާ ގޮތުގައި ގާޒާގެ އާބާދީ، 2.3 މިލިއަންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ [1.4 މިލިއަން މީހުން] ގެ ގެދޮރު ގެއްލިފައި ވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާގެ އުތުރުގައި ދިރިއުޅޭ މީހުން ހުޅަނގަށް ފިލައިގެން ދިއުމަށް އިންޒާރު ދިނުމުންނެވެ. އެހެން ނަމަވެސް، އެއްވެސް ތަނަކަށް ސަލާމަތެއް ނެތެވެ. ބޮމުގެ ހަމަލާތައް އަމާޒުވެފައި ވަނީ ހަމައެކަނި އުތުރަކަށް ނޫނެވެ.
"އަހަރެމެންގެ ހުރިހާ ދަރިން ގެއްލިދާނެކަމުގެ ބިރު އެބައޮތް"
ކުޑަކުދިންގެ އަތުގައި ނުވަތަ ފައިގައި އެކުދިންގެ ނަން ލިޔުމަކީ، އެކުދިން މަރުވެއްޖެނަމަ އާއިލާތަކަށް އެ ކުދިން ދެނެގަންނަން ފަސޭހަވެ، އެކުދިން ވަޅުލާއިރު މަހާނަގައި ނަން ޖަހަން އެހެން މީހުންނަށް ވެސް އެންގުމެވެ.
ޝަހީދުވި ފަލަސްތީނުގެ މީހުންގެ ހަށިގަނޑުން، އަލިފާނުގެ ތެރެއިން ފިހެފައި ހުރި ޒަހަމްތަކަކީ މީގެ ކުރިން ފެނިފައި ހުރި ޒަހަމްތަކާ ގާތްވެސް ނުކުރާ މިންވަރުގެ ޒަހަމްތަކެއް ކަމަށް ބައެއް ޑޮކްޓަރުން ފާހަގަ ކުރައްވާފައި ވާއިރު، ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ހަތިޔާރުތައް އިޒްރޭލުން ބޭނުން ކުރާކަން ވެސް އެ ޒަހަމްތަކުން އަންގައި ދެއެވެ. އިޒްރޭލުން ފަލަސްތީނުގެ ގެތަކަށް ދިން ވައިގެ ހަމަލާތަކުގައި މީހުންގެ ހަށިތައް ކުދިކުދި ވެ ދިއުމުގެ ސަބަބުން ދިރިތިބި ގާތްތިމާގެ މީހުންނަށް އެ މީހުން ދެނެގަތުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
ގާޒާގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ނަންތަކުގެ 212 ސޮފްހާގެ ރިޕޯޓެއް އާންމުކުރި ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ 200 މީހެއްގެ ހަށިގަނޑު ދެނެގަނެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި އެބަހުރި ކަމަށެވެ.
ގާޒާއަށް ނިސްބަތްވާ މުހައްމަދު އަބޫ އޮދޭހު ބުނީ އިޒްރޭލުން އެމީހުންގެ ހަތިޔާރާއެކު ކުޑަކުދިންނަށް ހަމަލާތައް އަމާޒު ކުރަނީ ގަސްދުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.
2021 ވަނަ އަހަރުގެ މެއި މަހުގެ ހަމަލާގައި އޭނާގެ ދެ ދަރިން ކޮއްކޮގެ ގާތަށް ފޮނުވައި ކޮއްކޮގެ ދެ ދަރިން ގޮވައިގެން އޭނާ ދިޔައީ އެމީހުންގެ ގެއަކަށް އިޒްރޭލުން ހަމަލާދީފިނަމަ އަނެއް އާއިލާއިން މީހަކު ސަލާމަތް ކުރުމަށެވެ.
"މިއީ ވަރަށް ވޭންދެނިވި ތަޖުރިބާއެއް. ހުރިހާ ދަރިން ގެއްލިދާނެ ކަމުގެ ބިރުހީވި." ޝާޓީ ބީޗް ކޭމްޕްގެ އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.
މިފަހަރު އަބޫ އޮދޭހު އޭނާގެ ދަރިން އެކުގައި ބައިތިއްބާފައި ވީ ނަމަވެސް އެމީހުންގެ އަތްފައިގައި ވަނީ އެމީހުންގެ ނަންތައް ލިޔެފައެވެ.
"އަހަރެން މިކަން ކުރަނީ ކީއްވެތޯ ދަރިން އަހާލުމުން އަހަރެން ބުނަނީ އެއީ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް." އޭނާ ބުންޏެވެ. "ދުނިޔޭގައި ތިބި އެއްވެސް މީހަކަށް އަހަރެމެންގެ ދަރިންނަށް ދިމާވާ ކަންތައްތަކާ މެދު ވިސްނާލެވިދާނެތަ؟" އިތުރަށް އޭނާ ބުނެފައި ވެއެވެ.
ބެލެނިވެރިއެއްގެ ހައިސިއްޔަތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެންމެ ގޯސް ހާލަތަކަށް ތައްޔާރު ވުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ. އަބޫ އޮދޭހުގެ ކިބައިގައި އޭނާގެ ދަރިން އޭނާއާ ކުރާ ސުވާލުތަކުގެ ހުރިހާ ޖަވާބެއް ނެތެވެ. އެއީ ޝަހީދު ކޮށްލޭފައިވާ އެކުވެރިންގެ ވާހަކަ ކަމުގައި ވިޔަސް ނުވަތަ ކުޑަކުއްޖެއްގެ ހަށިގަނޑަށް މިސައިލެއްގެ ބާރަށް ކެތްކުރެވޭނެ ގޮތަކާ ބެހޭ ގޮތުން ވިޔަސް މެއެވެ.
"އެކުދިން ކައިރީ ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގޭ. އަހަރެން އެކުދިންނަށް ދޮގު ހަދަނީ އެކުދިން ހިތްވަރުގަދަ ކުރުވަން. ލޮބުވެތި އަދި އަގުހުރި ހުރިހާ އެއްޗެއް ފޭރިގަންނަމުން އަންނަ މި ނުރައްކާތެރި ހަނގުރާމައާ މެދު ބިރުގަންނަ އިރު، އަހަރެން އެކުދިންނަށް ޔަގީންކަން ދޭނީ ކިހިނަކުން ހެއްޔެވެ؟ އެކުދިންގެ ހަށިގަނޑަކީ ވަރަށް ވަރުގަދަ އަދި މިސައިލްތަކަށް ދެކޮޅު ހެދޭނެ ހަށިގަނޑެއްކަން އެކުދިން ގާތު އަހަރެން ބުނާނީ ކިހިނަކުން ހެއްޔެވެ؟" އޭނާ ބުންޏެވެ.
އޭނާ ބުނީ ކުޑަކުދިންނަށް ހައްގު ވަނީ އެކުދިންގެ މައްޗަށް ބޮން އެޅުމުގެ އަޑާއެކު، ކުނިތަކެއްގެ ދަށުގައި ވަޅުލަން ނުޖެހޭނެ ދިރިއުޅުމެކެވެ. އަދި އިޒްރޭލުގެ މިސައިލްތަކުން އެންމެ ބިރުވެރި ގޮތަކަށް ހަލާކުވެފައިވާ ދަރިންގެ ހަށިތައް ދެނެގަންނަން މަސައްކަތް ކުރުމުގެ ވޭންދެނިވި ދިރިއުޅުން ބެލެނިވެރިން އުޅެން ނުޖެހޭނެ ދިރިއުޅުމެކެވެ.
ދަރިންގެ ހަށިގަނޑުގައި އެކުދިންގެ ނަން ލިޔުމަކީ ދުނިޔެ އަށް އެކުދިން އެނގޭނެ ހައްލެއް ކަމަށް އޭނާ ބުންޏެވެ.
ކޮންމެ މީހަކީ ވެސް ހަމަލާގެ އަމާޒެއް
ފަލަސްތީނުގެ 629،000 އަށް ވުރެ ގިނަ މީހުން ބޮމުގެ ހަމަލާއިން ހިމާޔަތް ހޯދާފައިވާ އދ.ގެ ގިނަ ސްކޫލްތަކުގައި ވެސް މި ވޭންދެނިވި އާދަ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.
އެފަދަ އެއް ސްކޫލެއްގައި އާއިލާއާ އެކު މިހާރު ހިޔާވަހިކަން ހޯދަމުން އަންނަ ސަލްވާ ހައްތާބު ބުނި ގޮތުގައި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ، ޔޫއެންއާރްޑަބްލިއުއޭ އިން ހިންގާ ފެސިލިޓީތަކުގައި ވެސް ގާޒާގައި ރައްކާތެރި ތަނެއް ނެތެވެ.
ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ދެމެދު އދ.ގެ އެޖެންސީން ބުނީ އިޒްރޭލުން ފުލުފުލުން ދިން ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ތިން ސްކޫލަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ގެދޮރު ގެއްލުނު އެކަކު ޝަހީދުވެ، 15 މީހަކު ވަނީ ޒަހަމް ވެފައެވެ.
ސަލްވާ އޭނާގެ މާމަ ދަރިންނާއި ކުޑަ ކުދިން އެކުދިން ތިބޭ ކްލާސްރޫމަށް ޖަމާކޮށް، އެކުދިންގެ އަތްފައިގައި އެމީހުންގެ ނަން ތައް ލިޔެފައި ވެއެވެ.
"އަހަރެން އެދެނީ އެމީހުން ދުނިޔެ އަށް އެނގުމަށާއި، އެމީހުންގެ ނަންތަކަކީ އިޒްރޭލުން ރަހުމެއް ނެތި ޝަހީދު ކޮށްލި ޝަހީދުންގެ ގޮތުގައި ފާހަގަ ކުރުން." ސަލްވާ ބުންޏެވެ.
ޝަހީދު ވެފައިވާ ކުދިންގެ ތަސްވީރުތައް ނުވަތަ އެކުދިންގެ ހަށިތައް ފެނުމުން ސަލްވާއަށް ކެތް ނުކުރެވޭ ކަމަށް ސަލްވާ ބުންޏެވެ.
ހާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަބަސަން އަލް ކަބީރާ އަވަށަށް ނިސްބަތްވާ މަޔާރު އަބޫ ދައްގާ ބުނި ގޮތުގައި އޭނާއާއި އޭނާ ކައިރީގައި ކިޔަވާ ހުރިހާ ދަރިވަރުންވެސް ވަނީ އެމީހުންގެ އަމިއްލަ ގައިގައި ނަން ލިޔެފައެވެ.
ބޮމުގެ ހަމަލާތަކުން ސަލާމަތްވި ކުޑަކުދިންވެސް ގިނަ ފަހަރަށް ތިބެނީ ޝޮކާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ވާހަކަ ނުދެއްކޭ ކަމަށް އުމުރުން 13 އަހަރުގެ މާޔަރު ބުންޏެވެ. "އެހެންވީމާ، ކަލޭމެނަށް އަހަރެމެން އެނހޭނެހެން އަހަރެމެންގެ ނަންތައް ހަށިތަކުގައި މިލިޔަނީ." ނިންމާލަމުން އޭނާ ބުންޏެވެ.
ހިތާމައިގެ ކޮޅެއްވެސްނެތް ލޮލުންކަރުނަ ނުހިކޭ، މިތިބަ ލޯބިލޯބި މައުސޫމު ތުއްތުކުދީންކޮޅުފެނުމުން އިހުސާސްވެގެންދަނީ ހިތަށްއަރަނީ މީހަމައަމިއްލަދަރީންނަށޭ މިއަނިޔާތައްއެލިބެނީ، އެއްފަހަރުވެސް މިކުދީންގައިގާ ފިރުމާލާ ބައްދާލާ މިކުދީންގެކަރުނަތައް ފުހެދޭން ލިބޭނެނަމައޭ، ހާދަހާ ލަގޮނޑިއަށް ތަދުވެޔޭ. މިތިބަ ތުއްތުކުދީންގެ ހައްގުގާވެސް ފަލަސަތީނަށް ނަސްރާ ކާމިޔާބު މާތްﷲ މިންވަރުކުރަށްވާފާނދޭވެ، އާމީން.
ތީ އަވަށްޓެރި އަރަބި އިސްލާމީ ޤައުމުތަކުގެ ރުހުމާއެކު އެމެރިކާ އާއި އިސްރާއީލުން ދޭ ހަމަލާތަކެއްކަން އެނގޭއިރު ހަމައެކަނި އިސްރާއީލުން ދޭ ހަމަލާތަކެއް ކަމަށް ކިޔާތީ ހަމަ އަންތަރީސްވެއްޖެ.