ޅ. އަތޮޅުގައި މުޅިން ތަފާތު ކޮންސެޕްޓަކަށް ތަރައްގީކޮށްފައިވާ 'ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް' ރިސޯޓު ހުޅުވައިފިއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި މިއަދު ހުޅުވި މި ލަގްޒަރީ ރިސޯޓަކީ 290 ވިލާގެ ފަސްތަރީގެ ރިސޯޓެކެވެ. މާބިން ހުރާ އަދި ދެރުއް ފިނޮޅު، ބްރިޖަކުން ގުޅާލައިގެން ތަރައްގީކުރި މި ރިސޯޓުގެ، 202 ކޮޓަރި ތަރައްގީ ކޮށްފައި ވަނީ މާބިން ހުރާގައެވެ. އަދި ދެ ރުއްފިނޮޅުގައި 88 ކޮޓަރި ވަނީ ތަރައްގީ ކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ 110 ބީޗު ވިލާ، 90 ބީޗް ޕޫލް ވިލާ އަދި 70 ވޯޓާ ޕޫލް ވިލާއެވެ. މި ރިސޯޓުގައި ހަތަރު ބާ އަދި ހަތަރު ރެސްޓޯރެންޓުގެ އިތުރުން ސްޕާއެއް ތަރައްގީކޮށްފައިވާއިރު ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ އިތުރުން ދެ އިންފިނިޓީ ޕޫލް ހުރެއެވެ.

މި ރިސޯޓަށް މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗުގައި 40 މިނެޓުން ދެވޭއިރު ސީޕްލޭންގައި ވީއައިއޭއިން ފުރައިގެން 35 މިނެޓުން ދެވޭނެއެވެ.

ޗަމްޕާ ރިސޯޓްސް އިން ބުނި ގޮތުގައި ޖަވަކަރަ އެ ކުންފުނީގެ ޕްރޮޕަޓީގެ ތެރެއަށް އިތުރުވާ ވަރަށް ފުރިހަމަ، ހިތްގައިމު އަދި މަތީ ފެންވަރުގެ އެތައް ހިދުމަތްތަކެއް ފަތުރުވެރިންނަށް ލިބިގެންދާނެ ރިސޯޓެއްކަމަށެވެ.

ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް އަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ހުޅުވި 6 ވަނަ ރިސޯޓެވެ.