ބޮލީވުޑްގެ ކާމިޔާބު ބަތަލް ރަންވީރު ސިންގް، ބަތަލާ ދީޕިކާ ޕަޑުކޮންއަށް ޕްރޮޕޯޒް ކުރީ ރާއްޖޭގެ ސޭންޑްބޭންކެއްގައި ކަމަށް ރަންވީރު ބުނެފިއެވެ.

ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން" ސީޒަން 8ގެ ފުރަތަމަ އެޕިސޯޑުގައި ރަންވީރު އާއި ދީޕިކާގެ ގުޅުމުގެ ނޭނގޭ ސިއްރުތައް ވަނީ ހިއްސާ ކޮށްފައެވެ.

ރަންވީރު ބުނީ ދީޕިކާ އާ ކައިވެނި ކުރަން ހުށަހެޅީ ރާމް-ލީލާ ރިލީޒް ކުރުމާ އެކު ކަމަށެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ މަސް ދުވަހުގެ ތެރޭގައި ދީޕިކާ އަކީ އޭނާ އަށް އެންމެ ކަމުދާ މީހާކަން އޭނާއަށް އެނގުނު ކަމަށް ރަންވީރު ބުންޏެވެ.

އަދި ޗުއްޓީ ހޭދަކުރުމަށް ދިޕިކާ އާއި އޭނާ ރާއްޖެއަށް ކުރާ ދަތުރެއްގައި ދީޕިކާ އަށް ޕްރޮޕޯޒް ކުރަން ނިންމި ކަމަށް ރަންވީރު ފާހަގަ ކުރިއެވެ.

އަހަރެން ހިތައްއެރި އެއްވެސް ކަމެއް ވުމުގެ ކުރިން، އަނގޮޓިއެއް އަޅުވާނީއޭ، ކޮއްކޮއާއި މަންމައާ އެކު އަނގޮޓިއެއް ހޯދަމުން ދިޔައީ، ދީޕިކާ އާ އެކުގައި ޗުއްޓީއަށް ދާން އުޅެނިކޮށް އަހަރެން ނިންމީ ޗުއްޓީގައި އޭނާއަށް ޕްރޮޕޯޒް ކުރާނަމޭ.
ރަންވީރު

ރަންވީރު ބުނީ އޭނާ، ދީޕިކާއާއެކު ރާއްޖެ އައީ ސިއްރުން އަނގޮޓި ހިފައިގެން ކަމަށެވެ. އެކަން ތަފްސީލު ކޮށްދެމުން ރަންވީރު ބުނީ ދޯންޏަކުން އެމީހުން ގޮވައިގެން ކަނޑުގެ މެދުތެރެއަށް ދިޔަ ކަމަށާއި އަދި މޫދުގެ މެދުގައި އޮތް ކުޑަ ކުޑަ ވެލިގަނޑަކަށް އެމީހުން ބޭލި ކަމަށެވެ. އެކުޑަ ވެލިގަނޑުގައި ތިބީ އެދެމީހުން އެކަނިކަން ފާހަގަ ކުރަމުން ރަންވީރު ބުނީ އޭނާ ދީޕިކާ ކައިރީ އިންނަން އަހާ، އަނގޮޓި އެޅުވީ ކަމަށެވެ. "ދީޕިކާ އާނއެކޭ ބުނި ވަގުތު އަހަންނަށް ހީވީ އަހަންނަކީ ކިންގް އޮފް ދަ ވޯލްޑް ހެން" ރަންވީރު ބުންޏެވެ.

އޭގެ ފަހުން ދީޕިކާ އާއި ރަންވީރު ކައިވެނި ކުރީ 2018 ވަނަ އަހަރު އިޓަލީގައި ބޭއްވި އިންޓިމޭޓް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވީ ހަމައެކަނި އާއިލާ މެންބަރުންނާއި ގާތް ރަހުމަތްތެރިންނެވެ. އޭގެ ފަހުން ބެންގަލޫރާއި މުމްބާއީގައި ވަނީ ބޮޑު ރިސެޕްޝަނެއް ބާއްވާފައެވެ.

ކޮފީ ވިތު ކަރަންގެ ސޯގެ ތެރެއިން ވަނީ 5 އަހަރު ފަހުން ދެމަފިރިންގެ ރަސްމީ ކައިވެނީގެ ވީޑިއޯ ވެސް ހިއްސާކޮށްފައެވެ. މިއީ އެދެމީހުންގެ ކައިވެނި ވީޑިއޯ އާންމުކޮށް ޝެއާކުރި ފުރަތަމަ ފަހަރެވެ. މި ފުޓޭޖުގައި ދެމަފިރިންގެ ހުވަފެނީ ކައިވެނީގެ މަންޒަރުތަކާއި އުފާފާޅުކުރުމުގެ މަންޒަރުތައް ފެނިގެންދިޔައެވެ.

ރަންވީރް އާއި ދީޕިކާ އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު އޭގެ ތެރޭގައި ރާމް-ލީލާ، ބާޖީރާއޯ މަސްތާނީ، ޕަދްމާވަތު އަދި "83" ފަދަ ފިލްމުތައް ހިމެނެއެވެ.