ގާޒާގެ މެދުތެރެއަށް އިޒްރޭލުގެ ޔަހޫދީން ދިން ހަމަލާތަކެއްގައި އަލްޖަޒީރާ ނޫސްވެރިއެއްގެ އާއިލާ ޝަހީދު ކޮށްލައިފިއެވެ.

އެ ހަމަލާތަކުގައި ޝަހީދުވެފައި ވަނީ އަލްޖަޒީރާގެ ގާޒާ ބިޔުރޯގެ ޗީފް ވާއިލް އަލް ދަހުދުގެ އަންހެނުންނާއި، ފިރިހެން ދަރިފުޅާއި، އަންހެން ދަރިފުޅު އަދި ކާފަ ދަރިފުޅެވެ. ވާއިލްގެ އާއިލާއަށް އިޒްރޭލުން ހަމަލާތައް އަމާޒުކޮށްފައި ވަނީ ނުސްރަތު ރެފިޔުޖީ ކޭމްޕްގައި ތިއްބައެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ވާއިލްގެ އާއިލާއަށް އަމާޒުކޮށް ދިން އެ ހަމަލާ އަކީ ގާޒާގެ އަޑު މުޅި ދުނިޔެއަށް ކަނޑުވާލުމަށް ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ. ގިނަ އަހަރުތަކެއް ވަންދެން އަލްޖަޒީރާގެ އަރަބި ބިޔުރޯގައި މަސައްކަތް ކުރަމުން އަންނަ ވާއިލު، ގިނަ ބަޔަކު ސިފަ ކުރަނީ "ގާޒާގެ އަޑު"ގެ ގޮތުގައެވެ.

އެތައް އަހަރެއް ވަންދެން އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުން ގެންދިޔަ އަނިޔާތަކުގެ އަޑު މުޅި ދުނިޔެއަށް އިއްވުމަށް ވާއިލް ވަނީ ބޮޑު ދައުރެއް އަދާ ކޮށްފައެވެ. ވާއިލްގެ އިތުރުން އޭނާގެ އާއިލާއަށް އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީން އެތައް ފަހަރަކު އިންޒާރު ދިން ނަމަވެސް ވާއިލް ވަނީ ގާޒާ ދޫކޮށް ދިޔުމަށް އިންކާރުކޮށް ގާޒާގެ ހާލަތު ދުނިޔެއަށް ގެނެސްދިނުމުގައި ދެމިހުންނާނެ ކަމަށް ބުނެފައި ކަމަށް އަލްޖަޒީރާ އިން ވަނީ ރިޕޯޓު ކޮށްފައެވެ.

ނޫސްވެރިޔާ ވާއިލްގެ އާއިލާ ނުސްރަތު ރެފިޔުޖީ ކޭމްޕަށް ބަދަލުވެފައި ވަނީ އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތައް ގާޒާއަށް އަމާޒު ކުރަން ފެށުމުން އެމީހުންގެ އާއިލާ ކައިރީގައި ތިބުމަށެވެ. ނަމަވެސް ވާއިލް އެމީހުންނާއެކު ނުގޮސް މަޑު ކުރީ ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ކަވަރު ކުރުމަށެވެ. ވާއިލްގެ އާއިލާ ޝަހީދުވި ހަބަރު ލިބުނީވެސް އޭނާ މަސައްކަތުގައި އުޅެނިކޮށެވެ.

ވާއިލުގެ އަންހެނުންނާއި ސީނިއާ ހައި ސްކޫލްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިފުޅު، މަހުމޫދު އަދި ހަތް އަހަރުގެ އަންހެން ދަރިފުޅު، ޝާމް ޝަހީދުވި އިރު ފަހުން ވަނީ ކާފަ ދަރިފުޅު، އާދަމްވެސް ޝަހީދުވިކަން އެނގިފައެވެ. އަދިވެސް އޭނާގެ އާއިލާގެ އިތުރު މެންބަރުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި 22 ނޫސްވެރިއެއްގެ ފުރާނަ ގެއްލިފައި ވާއިރު އެކި ނޫސްވެރިންނަށް އިޒްރޭލުން އަންނަނީ އިންޒާރު ދެމުންނެވެ. އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި ވާއިރު، ހަމާސްގެ ހަމަލާތަކާ ގުޅިގެން އިންޒާރަކާއި ނުލާ އިޒްރޭލުން ދަނީ ބޮން އަޅާ ގާޒާގެ ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތައް ބިމާ ހަމަ ކުރަމުންނެވެ.

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 6،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާ އިރު ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.