2019 ވަނަ އަހަރު ނުކުތް ކާމިޔާބި ފިލްމު "ޑްރީމް ގާލް" ގެ ދެވަނަ ބައި މިއަހަރު ރިލީޒްކުރުމާއެކު މި ފިލްމު ބެލުމަށް ކެތްމަދުވިއެވެ. ފިލްމުގެ ފުރަތަމަ ބައެކޭ އެއްގޮތަށް ފިލްމުގެ ދެވަނަ ބައިވެސް ސަޅި ވާނެ ކަމަށް ގަބޫލުކުރީމެވެ. ފިލްމު ސިނަމާތަކުގައި އެޅުވުމަށްފަހު ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށުމާއެކު ފިލްމު ބެލީމެވެ. ފިލްމުގެ މަޖާ ޑައިލޮގްތަކުގެ ސަބަބުން ފިލްމު ފެށުނީއްސުރެ ނިމެންދެން އިންނަން ޖެހުނީ ހީލަ ހީލައެވެ. ފުރަތަމަ ބައެކޭ އެއްގޮތަށް ދެވަނަ ބައިވެސް ވަރަށް ސަޅިއެވެ.
- ތަރިން
އަޔޫޝްމަން ކުރާނާ (ކަރަމް/ޕޫޖާ)، އަނަންޔާ ޕާންޑޭ (ޕަރީ)، އައްނޫ ކަޕޫރު (ޖައްގީތު ސިންހް/ ކަރަމް ބައްޕަ)، މަންޖޮޓް ސިންހް (ސްމައިލީ/ ކަރަމްގެ އެކުވެރިޔާ)، ޕަރޭޝް ރަވާލް (އަބޫ ސަލީމް) އަދި އަނޫޝާ މިޝްރާ (ސަކީނާ) އެވެ.
- މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
ފިލްމު ފެށިގެންދިޔައިރު ވެސް ކަރަމް އާއި ޕަރީ އަކީ ދެ ލޯބިވެރިންނެވެ. ޕަރީ އަކީ އެ އަވަށުގެ ނަން މަޝްހޫރު ލޯޔަރެކެވެ. ނަމަވެސް ކަރަމް އަކީ އެއްވެސް މަސަައްކަތެއް ނުކޮށް ވަގުތު ބޭކާރުކުރާ މީހެކެވެ. ނަމަވެސް ޕަރީ ދެކެ އިންތިހާއަށް ލޯބިވެއެވެ. ޕަރީ އާ ކައިވެނިކުރަން ޕަރީގެ ބައްޕަގެ ރުހުން ހޯދަން ދިޔުމުން އޭނާގެ ބައްޕަ، ޕަރީ އާ ކައިވެނިނުކުރެވޭނެ ކަމަށް ބުންޏެވެ. ސަބަބަކަށްވީ ތާކުންތާކު ނުޖެހޭ ދިރިއުޅުމެއް އަންނަ މީހަކަށް ކަރަމް ވުމުންނެވެ. ޕަރީ އާ ކައިވެނިކުރެވޭނީ ހަ މަސް ދުވަހުގެ ތެރޭގައި ވަޒީފާއެއް ހޯދާ އެކައުންޓްގައި ވަކި ވަރަކަށް ފައިސާ ހުރުމުން ކަމަށް ޕަރީގެ ބައްޕަ ބުންޏެވެ. އެކަން ކަރަމް އަށް ވީ ބޮޑު ގޮންޖެހުމަކަށެވެ. ކަރަމްގެ އެހެން ހުނަރެއްވެސް ބުނެލާނަމެވެ. އެއީ އަންހެން އަޑުން ވާހަކަ ދައްކަން އެނގުމެވެ. ވަޒީފާ ކަންތަކާ ބޯ ހާސްވެފައި ހުރި ކަރަމް އަށް އުފާވެރިކަން ގެނެސްދިނީ ސްމައިލީއެވެ. އޭނާ ވަޒީފާ އަދާކުރާ ތަނުން ވަޒީފާ ދިނެވެ. އެކަމަކު އާދައިގެ ވަޒީފާއެއް ނޫނެވެ. ބާތަކުގައި އަންހެން ހެދުން ލައި، އަންހެނަކަށް ވެގެން ނަށާށެވެ. ގޮތް ހުސްވެފައިވާ ކަރަމް އެ ވަޒީފާ އަދާކުރަން ފެށިއެވެ.
ސްމައިލީ ހިތާ ވެގެން އުޅޭ ސަކީނާ އާ ކައިވެނިކުރަން އެގެއަށް ދާ ހިސާބުން އޭނާގެ ބައްޕަ އަބޫ އެކަން މަނާކުރެއެވެ. ސަބަބަކ ސަކީނާ އަކީ މުސްލިމަކަށްވެފައި ސްމައިލީ އަކީ ޕަންޖާބަކަށްވުމުންނެވެ. ނަމަވެސް ކައިވެނިކުރެވޭނީ ވަކ ޝަރުތެއް އޮވެގެން ކަމަށާއި އެއީ ސަކީނާގެ ބޭބެ ޑިޕްރެޝަނުން ސަލާމަތްކޮށްދިނުމުން ކަމަށް ބައްޕަ އަބޫ ބުނެއެވެ. އަދި ޑިޕްރެޝަނުން ސަލާމަށް ކޮށްދޭ މީހާއަށް ބޮޑު ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. ވަގުތުން ސްމައިލީ ގޮސް އެވާހަކަ ކަރަމް ގާތު ބުނެއެވެ. އޭގެ އަނެއް ދުވަހު ސްމައިލީ، ސަކީނާ މެންގެއަށް ދިޔައީ ޕޫޖާ ގޮވައިގެންނެވެ. ޕޫޖާ އަކީ ސަކީނާ ދޮންބެގެ ތެރަޕިސްޓެވެ. އެންމެ ގާތް އެކުވެރިޔާ އަށް އޭނާގެ ލޯބިި ހާސިލްކޮށްދޭން ކަރަމް މަސައްކަތްކުރިއެވެ. ކަންދިމާކުރި ގޮތުން ޕޫޖާގެ ދޮންބެ ޑިޕްރެޝަނުން ސަލާމަތްވެއެވެ. ވަގުތުން އަބޫ ބޭނުންވީ ޕޫޖާ އާއި ސަކީނާގެ ދޮންބެ ކައިވެނިކުރުވުމަށެވެ. އެކަމަށް ސްމައިލީ އިންކާރުކުރުމުން ޕޫޖާ އާއި ކައިވެނިކުރެވިއްޖެނަމަ ޕޫޖާ އަށް ބޮޑު ފައިސާގެ އަދަދެއް ދޭނެ ކަމަށް އަބޫ ބުނެއެވެ. ލޯބިވެރިޔާ ޕަރީގެ ބައްޕަގެ އެދުން ފުރިހަމަކޮށްދިނުމުގެ އިތުރުން އެކުވެރިޔާ ސްމައިލީ އަށް އޭނާގެ ލޯބި ކާމިޔާބުކޮށްދިނުމުގެ ބޭނުމުގައި ކަރަމް/ ޕޫޖާ، ސަކީނާގެ ދޮންބެ އާ ކައިވެނިކުރެއެވެ.
ކައިވެނީގެ ފަހުން ދެން ކަންތައްތައް ދިޔަ ގޮތާއި ޕޫޖާ އަކީ އަސްލު ފިރިހެނެއްކަން ފަޅާއަރާ ހިސާބު ފިލްމުން އެނގޭނެއެވެ. ހަމަ ގައިމުވެސް މަޖާވެފައި ސަޅި ވާނެ ކަމުގެ ޔަގީންކަން ދެމެވެ. އަޔޫޝްމަންގެ އެކްޓިން އަކީ އަބަދުވެސް މޮޅު އެކްޓިން އެކޭ ބުނެވޭ ޖާގަ އޮވެއެވެ. ނަމަވެސް މި ފިލްމަކީ އެހެން ލެވެލެކެވެ. އޭނާގެ އެކްޓިން ވަރަށް މޮޅެވެ.